ބިދޭސީން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ހުށަހެޅުއްވި ބިލް ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

އެ ބިލް ބަލައިގަތުމަށް ފެންނަ ކަމަށް 22 މެންބަރަކު ވޯޓު ދެއްވި އިރު ނުފެންނަ ކަމަށް ވަނީ 48 މެންބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ.

މޫސަ ހުށަހެޅުއްވި އެ ބިލްގައި ވަނީ ވޯކް ވިސާއެއްގައި ރާއްޖެ އެތެރެވެފައި ހުރި މީހަކު އެ ބިދޭސީ މީހާ ރާއްޖޭގައި މަސައްކަތް ކުރަމުންދާ ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި ބިދޭސީ މީހާ ރާއްޖެ އަށް ގެނައި ފަރާތުގެ ހުއްދަ ނެތި އެހެން ފަރާތަކަށް ގެންދިއުން ނުވަތަ ބަދަލުކުރުން އަދި އެފަދަ އެއްވެސް ކަމެއް ގަސްދުގައި މަގުފަހިކޮށްގެން ނުވާނެ ކަމަށެވެ.

އެ ފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ އެއް އަހަރަށް ޖަލަށްލުން ނުވަތަ ފަސް ލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ކަމަށް ބިލްގައި ވަނީ ބުނެފަ އެވެ.

އެ ބިލަށް ބަހުސް ކުރި ހުރިހާ މެންބަރުން ވެސް ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށާއި ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާ ކަމަށް ބުނެފަ އެވެ. ބިދޭސީން ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވަނީ އިމިގްރޭޝަންގެ އިހުމާލުން ކަމަށް ވެސް އެ މެންބަރުން ވަނީ ތުހުމަތު ކޮށްފަ އެވެ. އަދި އެ ބިލުގެ ސަބަބުން ގަވާއިދާ ހިލާފަށް އެތެރެވާ ބިދޭސީން ނުހުއްޓުވޭނެ ކަމަށް ސަރުކާރަށް ތާއީދު ކުރާ ބައެއް މެންބަރުން ވަނީ ބުނެފަ އެވެ.

"އޭރެއްގަ ދިމާވާ މައްސަލައަކާ ދިމާކޮށް މިކަހަލަ ކަމެއް މަޖިލީހަށް ހުށަހަޅުއްވާއިރުގައި މީގެ ފަހަތުގައި ޖޫރިމަނާ އަކުން ހުރިހާ ކަމެއް ނުނިންމޭނެ ކަން އަޅުގަނޑުމެން އެންމެން ވެސް އެބަ ދަންނަން ޖެހޭ،" މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވާ ބިދޭސީން ހުއްޓުވުމަކީ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައިދެއް ކަން ފާހަގަކޮށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު އަބްދުލް ގަފޫރު ވިދާޅުވީ، މިއަދުގެ ސަރުކާރުން އެކަމަށް ހައްލެއް ހޯދުމަށް ބިލެއް ހުށަހަޅާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.