04 Dec 2018, 13:44
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވަޒީރުންގެ މަޖިލީހަށް އައްޔަނުކުރި 19 ވަޒީރުންނާއި ބަންޑާރަ ނައިބަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
ވަޒީރުންނަށް މަޖިލީހުގެ ރުހުމަށް އެދި ވޯޓަށް އެހީ ވަކިވަކިންނެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާއަށް 73 މެމްބަރަކު ހާޒިރުވިއެވެ.
ވޯޓުގައި ބައިވެރިވި 72 މެމްބަރުންގެ ފުރިހަމަ އަގުލަބިއްޔަތުން ރުހުން ލިބިވަޑައިގެންނެވީ:
ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު
- މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސެސް އެންޑް އެގްރިކަލްޗާ ޒަހާ ވަހީދު
- މިނިސްޓަރ އޮފް ހައުސިންގް އެންޑް އާބަން ޕްލޭނިންގް އައިމިނަތު އާތިފާ ޝަކޫރު
- މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހްމަދު މަހުލޫފް
ވޯޓުގައި ބައިވެރިވި 71 މެމްބަރުންގެ އިއްތިފާގުން ރުހުން ރުހުން ލިބިވަޑައިގަތީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒް އިސްމާއީލަށެވެ.
އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީއަށް ރުހުން ދިނުމުގެ ވޯޓުގައި 72 މެމްބަރަކު ބައިވެރިވި އިރު، އޭނާއަށް ރުހުން ދިނުމަށް 71 މެމްބަރަކު ވޯޓު ދެއްވިއެވެ. ރުހުން ނުދިނުމަށް އެއް މެމްބަރަކު ވޯޓު ދެއްވިއެވެ.
ވޯޓުގައި ބައިވެރިވި 70 މެމްބަރުންގެ އިއްތިފާހުން ރުހުން ލިބިވަޑައިގަތް ވަޒީރުން:
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
- ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ
- ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
- ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް
- ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން
- ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް
- ހެލްތު މިނިސްޓަރު އަބްދުﷲ އަމީން
- އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ
- ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ
މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަހީދަށް ރުހުން ދިނުމުގެ ވޯޓުގައި ބައިވެރިވެވަޑައިގަތީ 69 މެމްބަރުންނެވެ. އަދި މިނިސްޓަރ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނަށް ރުހުން ދިނުމުގެ ވޯޓުގައި ބައިވެރިވެވަޑައިގަތީ 68 މެމްބަރުންނެވެ. ދެ ވަޒީރުންނަށްވެސް ރުހުން ލިވބިވަޑައިގަތީ ވޯތުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އަށް ރުހުން ދިނުމުގެ ވޯޓުގައި 69 މެމްބަރަކު ބައިވެރިވެވަޑައިގެންނެވި އިރު، އޭނާއަށް ރުހުން ދިނީ 68 މެމްބަރުންގެ ވޯޓުންނެވެ. އެއް މެމްބަރަކު ވަކި ގޮތަކަށް ވޯޓު ނުދެއްވައެވެ.
އަދި މިނިސްޓަރ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސެސް ޝިދާތާ ޝަރީފަށް ރުހުން ދިނުމުގެ ވޯޓުގައި 70 މެމްބަރަކު ބައިވެރިވެވަޑައިގެންނެވި އިރު، ރުހުން ދިނުމަށް 67 މެމްބަރުން ވޯޓު ދެއްވިއެވެ. ޝިދާތާއާ ދެކޮޅަށް ދެ މެމްބަރަކު ވޯޓު ދެއްވިއެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވިއެވެ.