04 Dec 2018, 14:01
ކުޑަކުއްޖަކާ ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި 10 އަހަރަށް ޖަލަށް ލާފައިވާ އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) މިނިވަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
އެމްޑީޕީ ސަރުކާރުގެ ރައީސް އޮފީހުގެ އަންޑަރސެކްރެޓަރީގެ މަގާމް އަދާކޮށްފައިވާ ހޯރަ އިއްބެގެ މައްޗަށް ކުށް ސާބިތުވެ ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު އެއްވަނަ ދުވަހުއެވެ.
ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ހޯރަ އިއްބެގެ އަދަބު ލުއިކުރުމަށް ރައީސް ނިންމެވީ 2016 ވަނަ އަހަރު އޭނާ ގޭ ބަންދަށް ބަދަލު ކުރުމަށް ކްލައިމެންސީ ބޯޑުން ނިންމާފައިވާ ނިންމުމަށް ރިއާޔަތް ކޮށް ކަމަށެވެ. ނަމަވެސް އެ ނިންމުމަށް އޭރުގެ ސަރުކާރުން އަމަލު ކޮށްފައިނުވާކަން ހޫދަ ފާހަގަ ކުރެއްވިއެވެ.
ހޯރަ އިއްބެ މިނިވަން ކުރުމަށް ރައީސް ނިންމެވި ނަމަވެސް އޭނާ މިނިވަން ކުރާނެ ދުވަހެއް ހޫދު ވިދާޅެއް ނުވެއެވެ.
ހޯރަ އިއްބެގެ މައްޗަށް ހުކުމް ކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ކުރިމަތީ އޮންނަ ގޯޅިތެރޭގައި ހުންނަ ގ. މާވަސްގޭގެ ކޮޓަރިއެއްގެ ތެރޭގައި 17 އަހަރުގެ އަންހެން ކުއްޖަކާ ޖިންސީ އަމަލު ހިންގިކަން ޝަރީއަތަށް ސާބިތުވުމުންނެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ދައުލަތުން ކުރި ދައުވާއަށް ހޯރައިއްބެ އިންކާރު ކުރިނަމަވެސް، ފުލުހުން ގޮސް ކޮޓަރިތެރެއަށް ވަން އިރު ހޯރައިއްބެއާ އަންހެން ކުއްޖާ އޮތީ އެނދުމަތީގައި ކަމަށާއި، އެ ދެ މީހުންގެ އަމަލުތައް ހުރިގޮތް ހެކީން ކިޔައިދީފައިވާ ކަމަށެވެ. އަދި ހެކީންގެ ހެކިބަހާއި ޝަރީއަތަށް ހުށަހަޅާފައިވާ ވީޑިއޯއިން ފެންނަ މަންޒަރު ދިމާވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފައެވެ.