29 Sep 2011, 17:46
މޯލްޑިވްސް ގޭމް ފިޝިން އެސޯސިއޭޝަން (އެމްއެފްޖީއޭ) އާއި ދިރާގު ގުޅިގެން އަންނަ ނޮވެމަބަރު މަހު 10 އިން 12 އަށް އިންޓަނޭޝަނަލް ގޭމް ފިޝިން އިވެންޓެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވަން ދިރާގުން ނިންމައިފި އެވެ.
އެ އިވެންޓާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ނަސަންދުރަ ޕެލެސް ހޮޓެލްގެ ސަމުންދުރަ މީޓިންގް ރޫމްގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން އެމްއެފްޖީއޭގެ ނައިބު ރައީސް އަހުމަދު ނަޒީރު ވިދާޅުވީ އެ އިވެންޓްގެ މަގްސަދަކީ ރާއްޖެ އަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ ޝައުގުވެރިކުރުމަށް އިތުރުކަމެއް ހުޅުވާލުން ކަމަށެވެ.
އެ އިވެންޓް ޓޫރިސްޓުންނަށް ހުޅުވާލެވިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވީ ނަމަވެސް ދިވެހި މަސްވެރިންނަށް ވެސް ބައިވެރިވެވޭނެ ކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މަގްސަދަކީ ފަތުރުވެރިން ރާއްޖެ އައިސް އުޅޭ އިރު ކުރާނެ އިތުރުކަމެއް ހުޅުވާޅުން،" ނަޒީރު ވިދާޅުވި އެވެ. "މި އިވެންޓްގައި ބައިވެރިވާން ވަކި އަދަދެއް ނެތް. ހަމަ ދިވެހިންނަށް ވެސް ބައިވެރިވެވޭނެ،"
އަދި އެ މުބަރާތުން މޮޅުވާ ފަރާތްތަކަށް ޓްރޮފީގެ އިތުރުން އިންޓަނޭޝަނަލް ގޭމް ފިޝިން އެސޯސިއޭޝަން އިން ބާއްވާ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ނަޒީރު ފާހަގަ ކުރެއްވި އެވެ.