04 Dec 2018, 13:15
އެންޓި ޑިފެކްޝަން ގާނޫނު އޮވެ، ބަރުލަމާނީ ނިޒާމް ގާއިމްކުރުން ރަނގަޅުކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އަންނަ މާޗު މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ މެމްބަރުންނަށް ޕީޕީއެމްގެ ޓިކެޓް ހަވާލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ ރާއްޖޭގައި މިހާރު ސިޔާސީ މަޝްރަހު އޮތް ގޮތުން މަޖިލީހުގެ މެމްބަރުންނަށް އެހާ ފަސޭހައިން ޕާޓީ ބަދަލުކުރެވޭއިރު ބަރުލަމާނީ ނިޒާމް ރާއްޖޭގައި ދެމިއޮވެދާނެތޯ ސުވާލު އުފައްދައިފައެވެ.
" ދުނިޔޭގައި ބަރުލަމާނީ ނިޒާމް އޮންނަ ތަންތަނުގައި އެންޓި ޑިފެކްޝަން ގާނޫނަކީ އޮންނަ އެއްޗެއް. ފްލޯ ކްރޮސް ( ޕާޓީ ބަަދަލުކުރާ) ހިސާބުން ޢޭނާގެ ގޮނޑި ގެއްލޭނެ. އެހެންވީމާ ބަރުލަމާނީ ނިޒާމެއްގައި ސިންގަލް ޕާޓީއަކަށް މެޖޯރިޓީ ގޮނޑި ލިބިއްޖިއްޔާ ވެރިކަމުގައި ތިބޭނެ. އެކަމަކު އެންޓި ޑިފެކްޝަނުން ލޯއެއް ނެތި އެ ޕާޓީގެ މެމްބަރުން އެހެން ޕާޓީ އަކަށް ގޮސްފިއްޔާ ސަރުކާރު ވެއްޓުނީއެއް ނޫންތޯ؟" ރައީސް ޔާމީން ވިދާޅުވިއެވެ.
ރާއްޖޭގައި ބޭއްވި ފުރަތަމަ މަލްޓި ޕާޓީ އިންތިހާބުގެ ކުރިން ގާނޫނު އަސާސީ އިސްލާހްކުރުމުގެ ކުރިން ރައީސް ޔާމީން ވަނީ ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވައިފައެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީވެސް މިހާރުވެސް ބަރުލަމާނީ ނިޒާމަށް ތާއިދުކުރައްވާ ބޭފުޅެކެވެ.
" ދިވެހި ރައްޔިތުންނަށް ދެ ދުވަހުން އެއްދުވަހު ސަރުކާރު ވެއްޓިފަ، ހަރަދުގައި ހިފައިގެން ތެދުވެ އިންތިހާބު ބޭއްވުމުގެ ގާބިލްކަން ހުރިއްޔާ ބަރުލަމާނީ ނިޒާމްވެސް އެގޮތަށް ހިންގަންވީ. އެހެންވެގެން އެންޓި ޑިފެކްޝަން ގާނޫނު އަޅުގަނޑަށް އެހާ ތާއިދުކުރެވޭ ގާނޫނަކަށް ވެގެން އެ ގާނޫނު ގެންނަން ބޭނުންވީ. އެންޓި ޑިފެކްޝަން ގާނުނެއް އޮވެފައި ބަރުލަމާނީ ނިޒާމެއް ހަދާ ކަމަށްވަންޏާ އެއީ ރަނގަޅުގޮތެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.
އެންޓި ޑިފެކްޝަން ގާނޫނު ވުޖޫދަށް އައީ ރައީސް ޔާމީންގެ ވެރިކަމުގެ ފަހު އަހަރުއެވެ. އެ ގާނޫނާ ގުޅިގެން މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލުނުކަމަށްވެސް ކަނޑައެޅިއެވެ. ނަމަވެސް ފަހުން އެ މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ވަނީ ކަނޑައަޅައިފައެވެ.
މަޖިލިީހުން އެ ގާނޫނު އުވާލުމަށް ފާސްކުރުމުން އާ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ އެ ގާނޫނު ތަސްދީގުކުރައްވައިފައެވެ.