ސްކޮޓްލެންޑް(ޑިސެމްބަރު 4): ދުނިޔޭގެ އިގްތިސާދީ އަސްކަރީ ބާރާ އަދި ޓެކްނޮލޮޖީގެ ތިލަފަތް ބުރަވަމުންދަނީ ޗައިނާއާ ދިމާއަށް ކަމަށް އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާ ކަމަށްވާ ސިކެރެޓް އިންޓެލިޖެންސް ސާވިސް (އެމްއައި ސިކްސް) ގެ ވެރިޔާ އެލެކްސް ޔަންގާ ވިދާޅުވެއްޖެއެވެ.

ސްކޮޓްލެންޑްގެ ޔުނިވާސިޓީ އޮފް ސެންޓް އެންޑްރޫސްގެ ދަރިވަރުންނާ މުޚާތަބު ކުރައްވައި ދެއްވި ތަގްރީރެއްގައި އެލެކްސް ވިދާޅުވީ ޗައިނާ ގެންދަނީ އިގްތިސާދާއި ވިޔަފާރިއާއި މާލީ ދާއިރާތަކުގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީ ޙާސިލްކޮށް އަސްކަރީ ބާރުވެސް ވަރުގަދަ ކުރަމުން ކަމަށާ ނަތީޖާއެއްގެ ގޮތުން ފައިސާއާއި ބާރާއި ނުފޫޒުވެސް ޗައިނާއާ ދިމާއަށް މިސްރާބު ޖަހާފައިވާ ކަމުގައެވެ. މިއީ އަދުގެ ހަގީގަތް ކަމަށާ ހުޅަނގަށް އޮތީ އެ ހަގީގަތް ގަބޫލުކޮށް އެއަށް ހޭނުން (އެޑޮޕްޓްވުން) ކަމުގައެވެ.

ޗައިނާގެ އިގްތިސާދީ ބާރާއި ފައިސާގެ ބާރާ އަދި އަސްކަރީ ބާރު ދުނިޔޭގެ މަސްރަހުގައި އިތުރުވެ ޗައިނާ ކޮޅަށް ބާރުގެ ތިލަފަތް ބުރަވުމަކީ ހުޅަނގަށް ހުރި ނުރައްކަލެއް ކަމަށްވިޔަސް އެކަމުގެ ސަބަބުން ފުރްސަތުތަކެއް ފަހިވަމުންދާ ކަމަށްވެސް އެލެކްސް ވިދާޅުވިއެވެ.

ފައިވް - ޖީގެ މޯބައިލް ނެޓްވާކުތައް ޗައިނާގެ ޓެކްނޮލޮޖީގެ މައްޗަށް ބިނާވެގެންދާނީ ކިހާމިންވަރަކަށްތޯ ސެންޓް އެންޑްރޫސް ޔުނިވާސިޓީގެ ދަރިވަރަކު ކުރި ސުވާލެއްގެ ޖަވާބުގައި އެލެކްސް ވިދާޅުވީ ޗައިނާގެ ޓެކްނޮޖީގެ ކުރިއެރުން އާދަޔާ ޚިލާފަށް އަވަސްވެފައި ރީސާޗްތައް ފުޅާވެފައި ޗައިނާއަށް ވަސީލަތްތައް ލިބިފައިވުމުން އެއީ "ފުންކޮށް ވިސްނަންޖެހޭ މައްސަލައެއް" ކަމުގައެވެ. (ނޫސްއެޖެންސީތައް)