04 Dec 2018, 12:29
ކޮރަޕްޝަނުގެ މައްސަލަތަކާއި ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން އިސްތިއުފާދެއްވި މެމްބަރު ހަނާ ވަހީދުގެ ބަދަލުގައި މ. މިރުސްގަސްދޮށުގޭ އާމިނަތު ހަސަން އައްޔަންކޮށްފި އެވެ.
ނޮވެމްބަރު 18 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އިން އިސްތިއުފާ ދެއްވީ ގާނޫނީ ވަކީލު ހަނާ ވަހީދެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ މަސްލަހަތު ފުށުއަރާ ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެ އެވެ.
ރައީސް ސޯލިހު ސޮއިކުރައްވައި ނެރުއްވި ގަރާރަކުން ހަނާގެ ބަދަލުގައި ކޮމިޝަނަށް އައިމިނަތު ހަސަން އައްޔަން ކުރެއްވީ އިއްޔެ އެވެ.
އައިމިނަތު ހަސަނަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ތިން ވަނަ ދައުރުގައި އާންމުންގެ ފަރާތުން ކައުންސިލަށް އިންތިހާބުވި މެމްބަރެކެވެ.
އައިމިނަތުގެ އިތުރުން، މީގެ ކުރިން ވެސް ކޮމިޝަނުގައި ތިއްބެވި ހަތަރު މެމްބަރުން އަދި ވެސް ކޮމިޝަނުގައި ދެމިތިއްބަވަ އެވެ. އެއީ ކޮމިޝަނުގެ ރައީސް އަހްމަދު އައްސަދުގެ އިތުރުން ކޮމިޝަނު މެމްބަރުން އާސް އަބްދުﷲ، ނަދީމް އިބްރާހިމް އަދި ފާތިމަތު ސަރީރާ އަލީ ޝަރީފެވެ.
ކޮރަޕްޝަނުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނެއް ވެސް އުފައްދަވާފައިފަ އެވެ.
މި ދެ ކޮމިޝަނަށް ގާނޫނީ ގޮތުން ބާރުތަކެއް ދިނުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ސަންސެޓު ގާނޫނެއްގެ ބިލެއް ވަނީ ހުށަހަޅާފައެވެ. އެހެން ނަމަވެސް އެ ބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށް ބުނެ އިދިކޮޅު ޕީޕީއެމްގެ މެމްބަރުން ވަނީ ރައްޔިތުންގެ މަޖިލީހުގައި އިހުތިޖާޖުކޮށް، އެ ބިލު މަޖިލީހަށް ބަލައިގަތުމަށްޓަކައި ވޯޓު ނެގުމަށް ހުރަސް އަޅައިފަ އެވެ.