ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ގަވާއިދާ ހިލާފަށް އަމަލުކޮށްފި ނަމަ މެންބަރުން ނިސްބަތްވާ ޕާޓީއަށް ބެލުމެއް ނެތި ފިޔަވަޅު އަޅާނެ ކަމަށް މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައި މޫސަ ވިދާޅުވީ، ގަވާއިދާ ހިލާފު ކަންތައްތަކެއް އޭނާ ނިސްބަތްވާ ޕީޕީއެމްގެ ބައެއް މެންބަރުން އިއްޔެގެ ޖަލްސާގައި ކޮށްފައިވާ ކަމަށާއި އެކަންކަން އަބަދު ތަހައްމަލު ކުރަން ރިޔާސަތުގައި ނިންނާނެ ކަމަށެވެ.

"ވަކި ޕާޓީއަކަށް ނިސްބަތްވާ ބަޔަކު ކަންކުރީމާ އެކަން ދޫކޮށްލައިގެން މަޖިލީހުގެ ރިޔާސަތުގައެއް ނީންނާނަން. އެކަމާއި ދޭތެރޭ އަޅަން ހުރި ފިޔަވަޅުތައް ވެސް މަޖިލީހުގެ ރިޔާސަތުން އަޅަމުން ގެންދާނެ ވާހަކަ ދަންނަވަން،" މޫސަ ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް މޫސަ ވިދާޅުވީ، ނިސްބަތްވާ ޕާޓީއަށް އަދި ގާތް ރަހްމަތްތެރިންނަށް ރިޔާސަތުގައި އިނދެ ބެލުމެއް ނޯންނާނެ ކަމަށެވެ.

އަދި އަޅާ ފިޔަވަޅަކާ މެދު ހިތްހަމަ ނުޖެހިއްޖެ ނަމަ އަމަލުކުރާނެ އުސޫލުތައް ވެސް މަޖިލީހުގެ ގަވާއިދުގައި ލިޔެފައިވާނެ ކަން މޫސަ ފާހަގަކުރެއްވި އެވެ.

"މަޖިލީހުގެ ރިޔާސަތަކީ ޖޯކެއް ކަމަށް ހައްދަވައިގެން އެއްވެސް މެންބަރަކު މަސައްކަތް ނުކުރެއްވުމަށް ދަންނަވަން." ހުޅުހެންވޭރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ މޫސާ ވިދާޅުވި އެވެ.

ދޮރުތައް ތަޅުލައިގެން އެހެން މެންބަރުންނަށް ދަތިވާ ގޮތަށް މަޖިލީހުގައި ބައެއް މެންބަރުން އަމަލު ކުރަމުންދާކަން މޫސަ ފާހަގަ ކުރެއްވި އެވެ. އަދި އެ މެންބަރުން އެކަން ހުއްޓާލައި މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް މޫސަ ވަނީ މެންބަރުންނަށް ހަނދާން ކޮށްދެއްވައިފަ އެވެ.

މިދިޔަ ސަރުކާރުގައި އިދިކޮޅުގައި ތިއްބެވި މެންބަރުން ވަނީ އޭރުގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު، މަޖިލީހުގެ ގަވާއިދާ ހިލާފަށް އަމަލު ކުރަމުންދާ ކަމަށް ބުނެ އިހްތިޖާޖު ކޮށް ހަމަ ނުޖެހުން ވެސް ހިންގައިފަ އެވެ. އެކަންކަން ޕީޕީއެމްގެ މެންބަރުން އޭރު ކުށްވެރިކޮށްފައިވާ އިރު އިއްޔެގެ ޖަލްސާގައި އޭގެ ތެރެއިން ބައެއް މެންބަރުން ވަނީ މަޖިލީހުގެ ރިޔާސަތު ކުރިމައްޗަށް ހުއްޓި ހުންނަވައި އަޑު އުފުލައިފަ އެވެ. އޭރު ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމެވެ.