ފިލައިގެން އުޅޭ ސިފައިން ހޯދުމުގެ މަސައްކަތް ފެށީ، ފިލަނީ ކީއްވެތޯ ބަލައި އެ މައްސަލަ ހައްލު ކުރުމަށް ކަމަށް ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭގެފާން ވިދާޅުވެއްޖެ އެވެ.

މިއަދު މެންދުރު އެމްއެންޑީއެފްގެ މައި މަރުކަޒު، ބަނޑޭރިކޮށީގައި ބޭއްވި ބައްދަލްވުމުގައި ޑިފެންސް މިނިސްޓަރު ވިދާޅުވީ ސިފައިންގެއިން ފިލާފައިވާ މީހުން އަސްކަރީ ޕޮލިހުން ހޯދުމަށް ފަހު ސިފައިންގެ އަށް ހޯދައިގެން ގެންނަނީ އެމީހުން ފިލި ސަބަބު ގާނޫނީ ގޮތުން އޮޅުންފިލުވުމުގެ އިތުރަށް އެމީހުން ގަވާއިދުން ސިފައިންގެއިން ވަކިކުރުމަށް ކަމަށެވެ.

ދަޢުލަތުން ވަރަށް ބޮޑު ޚަރަދެއް ކޮށްގެން ކޯސްތަކެއް ހަދައިގެން ސިފައިންގެއަށް ހިދުމަތް ނުކޮށް އެމީހުން އެހެން ތަންތަތަނުގައި ވަޒީފާއަދާ ކުރުމަށް ފިލައިގެން އުޅުމުގެ ފުރުސަތު ދީފި ނަމަ އެކަމުން އެ މުއައްސަސާއާ މެދު ނުބައި ތަސައްވަރެއް އުފެދިދާނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

"ސިފައިންގެ ގާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދުގައި އެބަ ބުނޭ ސިފައިންނަކަށް ފިލައިގެން ނޫޅޭވޭނެ ކަމަށް. އެމީހުން ގެނެސް ސިފައިންގެއިން ފިލިސަބަބު އޮލުންފިލުވުމަށް ފަހު ވަކިކުރަން ޖެހޭ މީހުން ސިފައިންގެއިން ވަކިކުރަން ނުވަތަ އެމީހުންނާއި ދޭތެރޭގައި އަޅަން ޖެހޭ ފިޔަވަޅުއެޅުން އެއީ މުހިންމުކަމެއް. އެންމެ މުހިން އެއްކަމަކީ ކުރިއަށް އޮތްތާގައި މިކަހަލަ ކަންތަށް ވިޔަނުދިނުން. ދެވަނަ ކަމަކީ މައްސަލަ ހައްލުކުރުން. މައްސަލަ ހައްލުކުރޭވޭނީ މިހާރު ފިލައިގެން ގޮސްފައިވާ މީހުން ގެނެސް އެކަމާ މެދު ފިޔަވަޅު އަޅައިގެން،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ސިފައިންގެ އިސް އޮފިސަރުންނާއި މީޑިޔާގެ ފަރާތްތަކާ އެކު ޑިފެންސް މިނިސްޓަރު ބޭއްވި މިބައްދަލް ވުމުގައި ސިފައިން ގޭގެ އެކިކަންތައްތައް މިހާރަށް ވުރެ ދެފުށް ފެންނަ ގޮތަށް އާއްމު ރައްޔިތުން ނަށް ހާމަކޮށްދެއްވާނެ ކަމުގައި މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އަދި ދިފާއީ ދާއިރާ އާއި ގުޅޭ ގޮތުން ނޫސްވެރިންނަށް ތަމްރީން ދިނުމާއި ބައެއް ހާދިސާތައް ކަވަރުކުރާ އިރު ސިފައިންގެ އުޅަނދުތަކުގައި ނޫސްވެރިންނަށް ޖާގަދީގެން އެ ހާދިސާތައް ކަވަރުކުރުމުގެ މަގުފަހިކޮށްދެއްވާނެ ކަމުގައި ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ މިބައްދަލްވުމުގައި ޑިފެންސް މިނިސްޓަރާއި މިނިސްޓަރުގެ ނައިބް އަހުމަދު މުއިޒް އަދުނާނާއި ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލްގެ އިތުރަށް ސިފައިންގެ އިސް އޮފިސަރުން ބައިވެރިވި އެވެ.