ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބްގައި ވާދަކުރުމާމެދު އަދި ގޮތެއް ނުނިންމާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އަންނަ މާޗު މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ މެމްބަރުންނަށް ޕީޕީއެމްގެ ޓިކެޓް ހަވާލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ ޕާޓީގެ 24 މެންބަރަކަށް ޓިކެޓް ހަވާލުކޮށްފަ އެވެ. އެ ބޭފުޅުންނަށް ޓިކެޓް ހަވާލު ކުރެއްވީ ޕްރައިމަރީއަކާ ނުލަ އެވެ.

ޔާމީން ރޭ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަދި ވެސް ގިނަ ދުވަސްތަކެއް އޮތުމާ އެކު އެ އިންތިހާބުގައި ވާދަކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.

ރައީސް ކަމަށް 2013 ވަނަ އިންތިހާބުވުމުގެ ކުރިން ރައީސް ޔާމީން ހުންނެވީ މ. މުލަކު ދާއިރާގެ މެމްބަރުގެ ގޮތުގަ އެވެ.

ރައީސް ޔާމިން ވިދާޅުވީ، ރޭ ޓިކެޓް ދެއްވި މެމްބަރުންގެ އިތުރުން އިތުރު ބައެއް ބޭފުޅުނަންނަށް ވެސް ޕްރައިމަރީ އަކާ ނުލާ ޓިކެޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ދާއިރާތައް ވެސް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޓިކެޓް ދިނުމަށް ނިންމި 24 މެމްބަރުންގެ ތެރެއިން ދެ މެމްބަރެއް ފިޔަވައި ހުރިހާ މެމްބަރުން އަންނަ މާޗު މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވަނީ މިހާރު ވެސް އެ މެމްބަރުން އިންތިހާބު ވެފައިވާ ދާއިރާ ތަކަށެވެ.

ވިލިމާލޭ ދާއިރާ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވާދަ ކުރައްވަނީ ތިނަދޫ ދެކުނު ދާއިރާ އަށެވެ. އަދި ދާންދޫ ދާއިރާ މެމްބަރު ވާދަ ކުރައްވަނީ ގަލޮޅު ދެކުނު ދާއިރާއަށެވެ.