04 Dec 2018, 10:03
އިސްލާމީ މަރުކަޒުގެ ކައިރިން މިހާރު ބަންދުކޮށްފައި އޮތް، އަމީރު އަހުމަދުމަގު ސަރަހައްދު ހަފުތާއެއްގެ ތެރޭގައި ހުޅުވާލަން ޓްރާންސްޕޯޓް އޮތޯރިޓީ އިން ނިންމައިފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ އެސިސްޓެންޓް ޑިރެކްޓަރު ހުސައިން ނަޒީރު މިއަދު ސަން އަށް ވިދާޅުވީ އެ މަގު ހުޅުވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި މަސައްކަތް ނިމުނުހާ އަވަހަކަށް އެ މަގު ހުޅުވާލާނެ ކަމަށެވެ.
"ހަފްތާއެއްގެ ތެރޭ މަގު ހުޅުވާލާނެ. ބަންޑާރަކޮށި އިންނަ މަގު އެއީ. މާބުލް ޖަހައި ބަންދުކޮށްފައިވާ މެދުޒިޔާރާތް މަގު ވެސް ހުޅުވާލަން ގަސްތުކުރަން. އެކަމަކު އެކަމަށް އަދި ގޮތެއް ނުނިންމަން،" ނަޒީރު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިއުލާނުކުރި 100 ދުވަހުގެ އެޖެންޑާގައި ބުނެފައިވާ ގޮތުގައި އެ މުއްދަތުގެ ތެރޭގައި މަގުތަކަށް ގެންނަން ޖެހޭ ބަދަލުތަކާ އެކު ހުޅުވަން ޖެހޭ މަގުތައް ހުޅުވާލާނެ އެވެ.
މީގެ އިތުރުން މާލޭގެ އެކި މަގުތަކުގައި ލޯޑިން އަންލޯޑިން ސަރަހައްދެއް ކަނޑައަޅައި މާލޭގައި ސައިކަލާއި ކާރަށާއި ޕިކަޕް އަދި ލޮރީތަކަށް ޕާކިން އޭރިއާ ކަނޑައެޅުމަށް ވެސް ވަނީ ނިންމައިފަ އެވެ. ސަރުކާރުގެ ފުރަތަމަ ތިން މަސް ދުވަސް ތެރޭގައި އެއާޕޯޓް މުވައްޒަފުންނަށް ހިލޭ ސައިކަލު ޕާކު ކުރެވޭނެ ސަރަހައްދެއް ކަނޑައަޅައި އެއްގަމު ދަތުރު ފަތުރުގެ ގާނޫނު ހަރުދަނާ ކުރަން ވެސް ވަނީ ނިންމައިފަ އެވެ.