29 Sep 2011, 17:23
ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުގައި ހުންނެވި ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ އެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އަދާލަތު ޕާޓީގެ ވެބްސައިޓްގައިވާ ލިއުމެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުގައި ހުންނެވި ޑރ. މަޖީދު އެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށާއި އެކަން އެ ޕާޓީގެ ރައީސް އައްޝައިޚް ޢިމްރާން ޢަބްދުﷲ އަށް އަންގަވާފައިވާ ކަމަށެވެ.
ސަރުކާރު ހިންގާ އެމްޑީޕީ އާ އެކު އަދާލަތުން ހަދާފައިވާ ކޯލިޝަން މިދިޔަ ހޯމަ ދުވަހު ރޫޅާލުމަށް ފަހު، އަދާލަތު ޕާޓީން ވަނީ އެ ޕާޓީގެ ނަމުގައި ސަރުކާރުގައި ތިއްބެވި، އިސްލާމިކް މިނިސްޓަރު ޑރ. މަޖީދާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު އަހުމަދު އެ ބޭފުޅުން ތިއްބެވި މަގާމުތަކުން އިސްތިއުފާ ދެއްވުމަށް ދަންނަވައިފަ އެވެ.
ޑރ. މަޖީދު އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން މި އިސްތިއުފާ ދެއްވީ އެ ސިޓީ ފޮނުވިތާ 24 ގަޑި އިރު ވެސް ނުވަނީހެވެ. ނަމަވެސް އެކާމާ ގުޅޭ ގޮތުން ޑރ. މަޖީދުގެ ބަހެއްލިބޭތޯ ގުޅުމުން އެބޭފުޅާ ފޯނަށް ޖަވާބު ނުދެއްވާތީ އަދި ވަނީ އެބޭފުޅާގެ ބަހެއް ލިބޭގޮތް ނުވެފަ އެވެ.
ހުސައިން ރަޝީދު އަދާލަތު ޕާޓީ އަށް ފޮނުއްވި ސިޓީއެއްގައި އޭނާ ސްޓޭޓް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް އަދާލަތުގެ ސައިޓްގައިވެ އެވެ.