19:00


މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ގިނަ ޢަދަދެއްގެ ޕެކެޓްތަކާއި ބަނގުރާ ފުޅިތަކަކާއެކު ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 60 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.


މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ހިންގާ ފަރާތްތައް ހޯދުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހައްޔަރުކުރި 60 އަށްވުރެ ގިނަ މީހުންގެ ތެރޭ ކުޑަކުދިން ވެސް ހިމެނޭ ކަމަށް ފުލުހުން ގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.


ފުލުހުން ބުނީ މާލެއާއި ވިލިމާލެ، އަދި ހުޅުމާލޭގައި މިދިޔަ މަހުން ފެށިގެން ފުލުހުން ކުރިއަށް ގެންދިޔަ މިއޮޕަރޭޝަނުގައި މިހާތަނަށް މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ބްލެޓް ސައިޒުގެ 35 ޕެކެޓާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމްހުސްކުރި އަށް ދަޅާއި، އެހެނިހެން ސައިޒުގެ 193 ޕެކެޓާއި 217 ސެލޯންފިކޮޅުގެ އިތުރުން ބަނގުރާ ކަމަށް ބެލެވޭ ފުޅިތަކެއް ފެނިފައިވާ ކަމަށެވެ.


މިއޮޕަރޭޝަނުގައި މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެއްފަހަރާ ހޯދިފައި ވަނީ އިއްޔެ ހަވީރު ޏ. ފުވައްމުލަކަށް މަސްތުވާތަކެތި ގެންދަން އުޅޭ ކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުން ޗެކްކުރި މީހެއްގެ ހަށިގަނޑުން ކަމަށް ވެސް ފުލުހުން ބުނެ އެވެ. އެގޮތުން އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ ބްލެޓް ސައިޒުގެ 11 ޕެކެޓް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.


މީގެ އިތުރުން އިއްޔެ ހަވީރު ކޯޓު އަމުރުގެ ދަށުން މ. ކެޕްރިކޯންގެ ބަލާ ފާސްކުރިކުރުމުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ބްލެޓް ސައިޒުގެ 10 ޕެކެޓް އެގޭގެ ކޮޓަރިއަކުން ފެނިފައިވާ ކަމަށާއި އަދި މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ބުރުޒުމަގުގައި މަސްތުވާއެއްޗެއް ބޭނުންކޮށްގެން ހުރި ކަމަށް ބެލެވޭ މީހަކު ހުއްޓުވުމަށްފަހު ފުލުހުން، އޭނާގެ ހަށިގަނޑު ބަލާ ފާސްކުރިކުރުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ނުވަ ޕެކެޓް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.


މިއޮޕަރޭޝަނުގައި މިހާތަނަށް އަތުލައިގެންފައިވާ ތަކެތި ހޯދިފައިވަނީ ފުލުހުން ޗެކްކޮށްފައިވާ މީސްމީހުންގެ އަތުންނާއި، ކޯޓު އަމުރުގެ ދަށުން ފުލުހުން ބަލާފާސްކުރި ތަންތަނުގެ އިތުރުން އެހެނިހެން ސަރަހައްދުތަކުން ކަމަށް ފުލުހުން ބުނެ އެވެ. އެގޮތުން ފުލުހުންގެ މިއޮޕަރޭޝަނުގައި މިހާތަނަށް ގިނަ އަދަދެއްގެ މީހުންގެ ހަށިގަނޑު ބަލާފާސްކޮށްފައިވާއިރު ކޯޓު އަމުރުގެ ދަށުން 23 ގެއެއް ޗެކްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.