ސްޓާ ޕްލަސް އިން ގެނެސްދެމުން އަންނަ ޑްރާމާ ސީރީޒް "އިޝްގްބާޒް" ބަތަލު ކުނާލް ޖޭ ސިންގް (އޯމްކާރާ)، 29، ގެ ކައިވެނި މިމަހު ކުރުމަށް ތައްޔާރުވެއްޖެކަމަށް ޚަބަރުތައް ބުނެފިއެވެ.

އޭނާގެ ލޯބިވެރިޔާ ބަރާތީ ކުމާރު 31، އާ އޭނާ ކައިވެނިކުރާނީ މި މަހު 20 ގައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ކައިވެނީގެ އެންމެފަހުގެ ތައްޔާރީތައް ދެފަރާތުގެ އާއިލާއިން ވެސް ދަނީ ކުރަމުންނެވެ.

"ބަރާތީ އަކީ އެއްވަނައިގެ މީހެއް. މީހުންނާ ގުޅޭ މަޖާ މިޒާޖެއްގެ މީހެއް. ފިރިހެނަކު ބޭނުންވާނެ ކަހަލަ އަންހެނެއް. އަހަރެންނަށް ވަރަށް މުހިއްމު މީހެއް އެއީ،" ކުނާލް ބަރާތީއަށް ތައުރީފުކުރަމުން ބުންޏެވެ.

ކުނާލް އާއި ބަރާތީ ވަނީ މީގެ ނުވަވަރަކަށް މަސްކުރިން އެންގޭޖްވެފައެވެ.

އޭނާ ކައިވެނިކުރަން އުޅެނީ ޑްރާމާ ސިލްސިލާ "އިޝްގްބާޒް" ދެއްކުން ހުއްޓާލާނެކަމަށް ބުނެފައި ވަނިކޮށެވެ.

ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން މެދުކެންޑުމެއްނެތި ދައްކަމުން އަންނަ "އިޝްގްބާޒް" އަކީ ގިނަ ބައެެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޑްރާމާއެކެވެ. އަދި ސްޓާޕްލަސްއިން ދައްކަމުން އަންނަ ޑްރާމާތަކުގެ ތެރެއިން އެންމެ މަގުބޫލު އެއް ޑްރާމާ ކަން ވެސް ފާހަގަކޮށްލެވެއެވެ.