ދެ އަހަރު ދުވަހުގެ ތެރޭ ދެ ބިލިއަން ރުފިޔާގެ ލޯނު އަދާކުރެވެން ވާނެ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު 28.5 ބިލިއަން ދަރިނީގެ ގޮތުގައި އޮތް ކަމަށެވެ.

ކުރީގެ ސަރުކާރުގެ ފަސް އަހަރު ފުރިހަމަ ކުރި އިރު ދަރަނި ވަނީ 47 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެހާ ބޮޑެތި ލޯނުތަކެއް ނެގީ އެންމެ ހަތަރު ޕަސެންޓަށް ވުރެ ދަށް އިންޓްރެސްޓް ރޭޓްއެއްގައި ކަމަށާއި އަދި މިހާރު އެ އިންޓްރެސްޓް ރޭޓްގައި ލޯނު ނުލިބޭނެ ކަމަށެވެ.

"ރަށްރަށުގައި ހަރަކާތްތެރިވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައެއް އެބައޮތް. އަޅުގަނޑުމެންގެ ފަސް އަހަރު ކުރިން ކިތައް ރަށުގައިތޯ ފެނާއި ނަރުދަމާ އޮތީ. ކިތައް ރަށުގައިތޯ މަގު ހެދިފައި އޮތީ. ބަނދަރު ކިތައް ރަށުގައިތޯ ރައްޔިތުން ބޭނުންވާ ވަރަށް ބޮޑުވިފައި އޮތީ. ކިތައް ރަށުގައިތޯ ސާފު ބޯފެން އޮތީ." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ފަސް އަހަރުގެ ދައުރެއް ނިމިގެން އެހާ ބޮޑު ތަރައްގީގެ މަޝްރޫއުތަކެއް ހިންގައި އެ ދަރަނި އަދާނުކުރެވޭނެ ކަމަށް ވާހަކަތައް ދެއްކުމަކީ އަހަން އެހާ ފަސޭހަ ވާހަކައެއް ނޫން ކަމަށެވެ. އަދި ފާއިތުވި ސަރުކާރުތަކުގައި އެއްވެސް ސަރުކާރެއްގެ އަހަރީ ބަޖެޓުގައި ދެ ބިލިއަން ރުފިޔާގެ ލޯނެއް ނެތް އަހަރެއް ނޯންނާނެ ކަމަށެވެ.

"އަހަރަކަށް ދެ ހާސް މިލިއަން ރުފިޔާގެ ދަރަނި ފަސް އަހަރުގެ ދައުރެއް ލިބޭ ބަޔަކަށް އަދާނުކުރެވޭ ކަމަށް ވަންޏާ އެއީ ނާގާބިލުކަން. އަޅުގަނޑުމެން ތިން އަހަރު ނުވަތަ ތިން އަހަރު ބައިގެ ތެރޭގައި މި ދެންނެވި 30،000 މިލިއަން ރުފިޔާގެ ދަރަނި އަދާކުރެވުނީމު. އެހެންވީމާ ދެ ބިލިއަން އަހަރެއްގެ މައްޗަށް ޖެހޭ ދަރަނި ދެ އަހަރުގެ މައްޗަށް އަދާކުރެވެން ވާނެ." ރައީސް ޔާމީން ވިދާޅުވި އެވެ.