03 Dec 2018, 23:18
މިއަދުގެ ސަރުކާރު ޒިންމާދާރު ކުރުވަން ޖެހޭނީ ރައްޔިތުން ކަމަށާއި، މިވަގުތު އިދިކޮޅު ޕާޓީގެ ގޮތަުގައި އޮތް ޕީޕީއެމް އެކަންޏެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ، މިރޭ ޕީޕީއެމް އިން ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރައްވާ ބޭފުޅުންނަށް ޓިކެޓު ހަވާލު ކުރުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ގިނަ ދުވަސްތަކަކަށް ފަހު، ރައީސް ޔާމިން ނޫސްވެރިންނާ ބައްދަލުކުރައްވައި މިރޭ ވާހަކަފުޅު ދައްކަވާފައިވާ އިރު، މިރެއަކީ ވެރިކަން ބަދަލުވުމަށް ފަހު އިދިކޮޅު ލީޑަރުގެ ގޮތުގައި އެމަނިކުފާނު ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.
މިއަދުގެ ސަރުކާރު ޒިންމާދާރު ކުރައްވަން ޕީޕީއެމް އިން ކުރައްވާނީ ކޮން މަސައްކަތްތަކެއްތޯ މިރޭ ނޫސްވެރިއަކު ސުވާލު ކުރުމުން، ރައީސް ޔާމީން ޖަވާބު ދެއްވީ ސުވާލުތަކަކުންނެވެ.
"މި ސަރުކާރު އެވަަރަށް ޒިންމާދާރު ކުރުވަން ޖެހޭތޯ؟ ރައްޔިތުން ހޮވި ސަރުކާރެއް ނޫންތޯ މިއީ؟ ރައްޔިތުން ނޫންތޯ ސަރުކާރު ޒިންމާދާރު ކުރުވާނީ؟ ޕީޕީއެމް އިން ކީއްވެތޯ ހުރިހާ ކެއް ކުރަން ޖެހޭނީ؟"
އެއަށް ފަހު ރައީސް ޔާމީން ވިދާޅުވީ، ސަރުކާރު ޒިންމާދާރު ކުރުވަން ޖެހޭނީ ހަމައެކަނި ޕީޕީއެމް އިން ކަމަށް ނުދެކޭ ކަމަށެވެ. އަދި އެއީ އިދިކޮޅު ޕީޕީއެމްގެ އިތުރުން، ރައްޔިތުންނާއި ނޫސްވެރިންގެ މައްޗަށްވެސް ވާ ޒިންމާއެއް ކަމަށް ވިދާޅުވި އެވެ.
"ކަންކަމަށް ނުވިސްނައި ކަންކަން ކޮށްފަކައި، ދެން އެ ހުރިހާ ކަމެއް ގޯސްކޮށް ދިޔައިމާ، ރަނގަޅު ކުރަން ޖެހުން އެއީ ވަކި ބައެއް ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އޮތުމަކީ ރަނގަޅު ކަމެއް ނޫން ދެއްތޯ؟"
އެމަނިކުފާނު ވިދާޅުވީ ކަމެއް ގޯސްކޮށް ކުރެވިފައި އޮތިއްޔާ އެކަން ރަނގަޅު ކުރަން ވާނީ އެ ގޯހުގައި ބައިވެރިވި މީހުންނާ ވެސް އެކީގައި ކަމަށެވެ.
"ޕީޕީއެމްގެ އަކީ ހުރިހާ ކަމެއް ހައްލު ކޮށްްދޭ ބަޔަކަށް، އަޅުގަނޑުމެން އެކަމަށް ފޫޅު ކަނޑާލިޔަސް ކަމަކު ނުދާނެ ދެއްތޯ؟ ޒިންމާދާރު ގޮތެއް ނޫނެއް ނޫންތޯ އެއީކީ؟ ހުރިހާ އެންމެން ވެސް ރަނގަޅު ކުރަންވީ ނޫންތޯ ގޯސް އުޅޭ ކަމަށް ވަންޏާ،" ރައީސް ޔާމިން ވިދާޅުވި އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައިވާ އިރު، ދުނިޔޭގެ ބޮޑެތި ޑިމޮކްރެޓިކް ގައުމުތަކުގައި ސަރުކާރު ޒިންމާދާރު ކުރުމުގެ އެންމެ އިސް މަސައްކަތް ކުރަނީ އިދިކޮޅު ޕާޓީގެ ގޮތުގައި އޮންނަ ޕާޓީންނެވެ.
މިރޭ ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ. އެމަނިކުފާނު އެހެން ވިދާޅުވެފައި މިވަނީ، އެމަނިކުފާނުގެ ވެރިކަމުގައި ހިނގައި ދިޔަ ކަމަށް ބުނާ ކޮރަޕްޝަނާއި އެހެނިހެން މައްސަލަތަކުގެ ތަހުގީގު ނިމެންދެން އެމަނިކުފާނު ހައްޔަރު ކުރުމަށް ގިނަ ސިޔާސީ ފަރާތްތަކުން ގޮވާލަމުން ދަނިކޮށެވެ.