އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ކުރެއްވި ކަމަކާ ގުޅިގެން އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭ ފަދަ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރު ނިމި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވުމުން، ބައެއް ސިޔާސީ ބޭފުޅުން ދަނީ ރައީސް ޔާމީންގެ ދައުރުގައި ހިނގައި ދިޔަ ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަކަތަކާއި އެހެނިގެން ޖިނާއި ތުހުމަތު ކުރެވޭ މައްސަލަތަކުގައި އެމަނިކުފާނު ހައްޔަރު ކުރުމަށް ގޮވާލަމުންނެވެ.

އެކަމާ ގުޅިގެން މިރޭ، ގިނަ ދުވަސްތަކަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވުމުން ޔާމީން ވިދާޅުވީ އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.

"ހައްޔަރު ކުރަންޏާ ހައްޔަރު ކުރެވިދާނެ ދެއްތޯ. އެކަމަކު ހައްޔަރު ކުރަން ޖެހޭ ސަބަބެއް އޮންނާނެ ކަމަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން އެނގޭތޯ. އެއްވެސް ސަބަބެއް ނޯންނާނެ އެނގޭތޯ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު މީގެ ކުރިން ވެސް ހައްޔަރު ކުރީ އެމްޑީޕީގެ ވެރިކަމުގައި ކަން ޔާމީން ފާހަގަ ކުރެއްވި އެވެ. އަދި އެ ދެފަހަރު ވެސް ހައްޔަރު ކުރި ސަބަބެއް ދެއްކުނުތޯ ސުވާލު ކުރެއްވި އެވެ.

"އެމްޑީޕީ ސަރުކާރުން ދެއްތޯ ކުރިންވެސް އަޅުގަނޑު ހައްޔަރު ކުރީ. ކުރިންވެސް ދެ ފަހަރު ހައްޔަރުކުރި ދެއްތޯ؟ ކޮބައިތޯ؟ އެއްވެސް ސަބަބެއް ދެއްކުނުތޯ ހައްޔަރު ކުރަން ޖެހުނު. ދެ ފަހަރުވެސް ހައްޔަރު ކުރީ ނޫންތޯ."

އޭގެ އިތުރުން އެމަނިކުފާނު މިރޭ ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގައި، ކުށެއް ނުކުރާ ބަޔަކު ހައްޔަރު ކޮށްފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރުވެސް ދިޔަ ދެއްތޯ. އަޅުގަނޑުމެން ސަރުކާރުގައި ވެސް ކުށެއް ނުކުރާ މީހުނެއް ހައްޔަރު ކޮށްފައި ނޯންނާނެ. އަޅުގަނޑުމެންގެ ސަރުކާރުގެ ފުރަތަމަ އަހަރު ދިޔަ އިރު އަޅުގަނޑުމެން ނުކުރަން މިހާރު ކުރާ ޒާތުގެ އެއްވެސް ކަމެއް ނުކުރަން. ކަންކަން ކޮށްފައި ހުރި މީހުންނަކީ ކޮބައިތޯ ބަލައި، ދެނެގަނެ، އެމީހުން ފަހައި ދުވެ، އެކަހަލަ އެއްވެސް މަސައްކަތެއް ނުކުރަން ދެއްތޯ،" ޔާމީން ވިދާޅުވި އެވެ.