29 Sep 2011, 16:55
ވޮޝިންގޓަން (ސެޕްޓެމްބަރ 29) : ކިޔުބާއާ ދެކޮޅަށް އެމެރިކާ ގެންގުޅޭ ހަރުކަށި ސިަޔާސަތުތައް ބަދަލުކުރަން ތައްޔާރަށް އޮތްކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެވެ.
އެމެރިކާގެ ހިސްޕެނިކް ދަރިކޮޅުގެ މީހުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ ކިޔުބާގައި ވެރިކަންކުރާ ކޮމިއުނިސްޓް ނިޒާމުން އެޤައުމަށް އިސްލާޙްތަކާއި ހެޔޮ ބަދަލުތައް ގެނައުމަށް މަސައްކަތްކުރާނަމަ އެމެރިކާގެންގުޅޭ ކިޔުބާ އެކަހެރި ކުރުމުގެ ސިޔާސަތު ބަދަލުކުރަން ތައްޔާރަށް އޮތްކަމުގައެވެ. ކިޔުބާގެ ކިބައިން އެމެރިކާ އެދޭކަންތައްތަކުގެ ތެރޭގައި ސިޔާސީ ކުށްވެރިން މިނިވަން ކުރުމާއި ނޫސްވެރިކަމުގެ މިނިވަން ކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ރައްޔިތުންނަށް ދިނުން ހިމެނެއެވެ.
އިސްލާޙީ ފިޔަވަޅުތަކުގެ ތެރޭގައި ވެރިންންނަށާއި ސަރުކާރަށް ފާޑުކިޔުމުގެ މިނިވަންކަން ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށް އޮބާމާ ވިދާޅުވިއެވެ. ކިޔުބާގެ ވެރިކަން ބަދަލުވިނަމަވެސް އެޤައުމުގެ ކޮމިއުސްޓް ނިޒާމަށް އިސްލާޙީ ބަދަލެއް އަންނަތަން ނުފެންނަކަމަށް އޮބާމާ ވިދާޅުވިއެވެ.
ކިޔުބާއާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ކިޔުބާ ޙިސާރުކޮށްފައިވާތާ 40 ހަށްވުރެ ގިނަ އަހަރުވެފައިވީ ނަމަވެސް މިފަދަ ހަރުކަށި ސިޔސަތު ބޭނުންކޮށްގެން އެމެރިކާ ބޭނުންވާ ބަދަލުތައް ކިޔުބާއަށް ގެނެއުމުގައި އެމެރިކާވަނީ ފޭލްވެފައެވެ. އަދި ކިޔުބާގެ ކުރީގެ ޒަޢީމް ފިޑެލް ކާސްޓްރޯ އަވަހާރަކޮށްލުމަށާއި ކާސްޓްރޯގެ ވެރިކަން ވައްޓާލުމަށް އެތަށް ފަހަރެއްގެ މަތިން އެމެރިކާ ކުރިމަސައްކަތްތައްވެސްވަނީ ނާކާމިޔާބުވެ ފަނަފުލުން ގޮސްފައެވެ.
އޮބާމާގެ މިވާހަކަ ތަކަށް ރައްދުދެއްވަމުން ކިޔުބާގެ ކުރީގެ ޒަޢީމް ފިޑެލް ކާސްޓްރޯވަނީ އޮބާމާއަކީ ަމަލީ ގޮތުން ކަމެއް ނުކުރެވޭ ހަމައެކަނި ފޮނިބައިސާކަނޑާ ބޭފުޅެއް ކަމަށް ސިފަކުރައްވާފައެވެ. (އަލްޖަޒީރާ)