04 Dec 2018, 09:03
ތެހެރާން(ޑިސެމްބަރު 3) : އީރާނުގެ މިސައިލް ޕްރޮގްރާމް އިތުރަށް ތަރައްގީކޮށް މިސައިލްތަޖްރިބާތައް ކުރިޔަށްވުރެ ބޮޑަށް ކުރިޔަށް ގެންދާނެކަމަށް އެގައުމުން ބުނެފިއެވެ.
އީރާނުގެ ސިފައިންގެ ތަރްޖަމާން ބްރިގޭޑިޔަރ އަބުލްފަޟްލު ޝްކާރްޖީ ވިދާޅުވީ އީރާނުގެ މިސައިލް ޕްރޮގްރާމް އިތުރަށް ތަރައްގީކުރުމަށްޓަކައި ބަލިސްޓިކް މިސައިލާއި ކްރޫޒް މިސައިލް ޓެކްނޮލޮޖީގެ އައު ރީސާޗްތަކެއް ކުރިއަށް ގެންދާކަމަށާ ކައިރި މުސްތަގްބަލެއްގައި އިތުރު ބަލިސްޓިކް މިސައިލްއާއި ކްރޫޒް މިސައިލްތައް ތަޖްރިބާ ކުރުމަށް ރާވާފައިވާ ކަމުގައެވެ. ބްރިގޭޑިޔަރ އަބުލްފަޟްލު ވިދާޅުވީ މިސައިލް ޕްރޮގްރާމަކީ އީރާނުގެ ގައުމީ ސަލާމަތާއި އަސްކަރީ އަގީދާ (މިލިޓްރީ ޑޮކްޓްރިން) އާ ގުޅިފައިވާ އެއްޗެއް ކަމަށާ އެ ޕްރޮގްރާމް ހުއްޓުވުމުގެ ބާރު އެއްވެސް ގައުމަކަށް ލިބިގެން ނުވާކަމުގައެވެ.
އީރާނުގެ މަސްއޫލުވެރިޔާ މިހެން ވިދާޅުވީ ނިއުކްލިޔަރ ވޯހެޑް އުފުލުމުގެ ގާބިލްކަން ލިބިފައިވާ މެދުރާސްތާގެ ބަލިސްޓިކް މިސައިލެއް އީރާނުން ތަޖްރިބާކުރި ކަމަށް ވިދާޅުވެ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އީރާން އިންޒާރެއް ދެއްވުމާ ގުޅިގެންނެވެ.
ހަތިޔާރު ތަރައްގީކުރުމަކީ ހަމައެކަނި އެމެރިކާއާއި އިސްރާއީލަށް ލިބިފައިވާ ހައްގެއް ނޫންކަމާއި އެއީ އީރާނަށްވެސް ލިބިގެންވާ ހައްގެއް ކަމަށްބުނެ މިކަމުގައި އެއްވެސް ފަރާތަކުން ކުރިމަތިކުރާ ފިއްތުމަކަށް ބޯނުލަނބާނެ ކަމަށް އީރާން ވަނީ ތަކުރާރުކޮށް ބުނެފައެވެ.
އީރާނުން މިދިޔަ ހަފްތާގައިވަނީ އަމިއްލަ ޓެކްނޮލޮޖީގައި ތަރައްގީކުރި ހަނގުރާމަމަތީ މަނަވަރެއްވެސް ތަޖްރިބާކޮށްފައެވެ. ރާޑަރަށް ނާރާ ސްޓެލްތް ޓެކްނޮލޮޖީ ބޭނުންކޮށްގެން އީރާނުން އުފެއްދި އެ މަނަވަރުގައި ހެލިކޮޕްޓަރު ޖެއްސުމަށް ޚާއްސަކޮށްގެން ފްލައިޓް ޑެކެއް ހިމެނެއެވެ. އަދި ޓްރޮޕިޑޯ ލޯންޗަރާއި އަސްކަރީ ފައިޓާ ޖެޓްތަކަށް ހަމަލާދޭ އެންޓި ޝިޕް ގަން އާއި މިސައިލް އުދުއްސާލުމުގެ ގާބިލްކަންވެސް އެމަނަވަރުގައި ހުރިކަމަށް ވެއެވެ.
މިއީ އީރާނުގެ އަސްކަރީ ސިނާއަތުގެ ޑިޒައިން އާއި އެސިނާއަތުގައި އީރާން ތަރައްގީކުރާ އަމިއްލަ ޓެކްނޮލޮޖީގައި އުފެއްދި މިބާވަތުގެ ދެވަނަ މަނަވަރުކަމަށް އެގައުމުގެ ކަނޑުގެ ސިފައިންގެ ޝިޕްޔާޑުގެ ވެރިޔާ ރިއާ އެޑްމިރަލް އަލީ ރިޒާ ޝެއިޚީ ވިދާޅުވިއެވެ.
އީރާނުގައި އުފެއްދި ފުރަތަމަ މަނަވަރު ދައްކާލާފައި ވަނީ 2010 ވަނަ އަހަރު އެވެ. އީރާނުން މިދިޔަ އޮގަސްޓް މަހު ވަނީ އަމިއްލަ ޓެކްނޮލޮޖީގައި އެގައުމުން އުފެއްދި ހަނގުރާމަމަތީ ފައިޓަރ ޖެޓެއްވެސް ދައްކާލާފައެވެ. (ނޫސްއެޖެންސީތައް)