ކޮލަމްބޯ (ޑިސެމްބަރު 3): ސްރީ ލަންކާގެ ބޮޑުވަޒީރު ކަމަށް މިދިޔަ މަހު އައްޔަން ކުރި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއި މިނިސްޓަރުންގެ ބާރުތައް އެގައުމުގެ އިސްތިއުނާފު ކޯޓުން ހިފަހައްޓައިފި އެވެ.

ލަންކާގެ ކޯޓުން އެފަދައިން ނިންމީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނެޝަނަލް ޕާޓީން ހުށަހެޅި ޕެޓިޝަނަކާ ގުޅިގެންނެވެ.

ކޯޓުން ނިންމާފައި ވަނީ ރާޖަޕަކްސަގެ ވެރިކަމަކީ ގާނޫނީ ވެރިކަމެއްކަން ކަނޑައެޅެންދެން އޭނާ އާއި ކެބިނެޓަށް ވެރިކަން ނުކުރެވޭނެ ކަމަށެވެ. އަދި އެކަން ކަނޑަނާޅާ ހިނދެއްގައި ރާޖަޕަކްސަ ވެރިކަމުގައި ހުންނެވުމުގެ ސަބަބުން ގައުމަށް ފޫނުބެއްދޭ ފަދަ ގެއްލުން ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.

ލަންކާގެ އިސްތިއުނާފު ކޯޓުން އެމައްސަލައިގެ އަޑު އެހުން ބާއްވަން ހަމަޖެހިފައި ވަނީ މިމަހުގެ 12 އާއި 13އިގަ އެވެ.

މީގެ ކުރިން ލަންކާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ އެގައުމުގެ ބޮޑުވަޒީރާއި މިނިސްޓަރުންގެ ހަރަދުތައް ހުއްޓުވަން ފާސްކޮށްފަ އެވެ.

ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ، އެގައުމުގެ ބޮޑުވަޒީރު ކަމުން ރަނިލް ވިކްރަމަސިންހަ ދުރު ކުރެއްވުމަށް ފަހު އެމަގާމަށް ރާޖަޕަކްސަ އަައްޔަން ކުރެއްވީ މިދިޔަ މަހުގެ 26ގަ އެވެ. އަދި އެގައުމުގެ ޕާލިމެންޓު ސިރިސޭނާ އުވާލެއްވި ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެނިންމުން ބާތިލުކޮށްފަ އެވެ.

އޭގެ ފަހުން، ބޮޑުވަޒީރު ރާޖަޕަކްސަގެ އިތުބާރު ނެތް ކަމަށް ދެ ފަހަރެއްގެ މަތިން ގާނޫނު ހަދާ މަޖިލީހުން ފާސް ކުރި އެވެ. ނަމަވެސް އެ ވޯޓު ގާނޫނާ ހިލާފުކަމަށް ވިދާޅުވެ، ރައީސް ސިރިސޭނާ އެ ނިންމުންތައް ގަބޫލުފުޅެއް ނުކުރައްވަ އެވެ.