ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން 200 މިލިއަން ޑޮލަރު ދީފި ނަމަ ބޮންޑު ނުވިއްކާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީރު ވިދާޅުވީ، 150 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކަން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް، އިންޑިއާ އިން ބަޖެޓު ސަޕޯޓަށް 200 މިލިއަން ޑޮލަރު ލިބިއްޖެ ނަމަ އެ ބޮންޑު ނުވިއްކައި ވެސް ކުރިއަށް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަޖެޓު ސަޕޯޓަށް ހޯދަން އަޅުގަނޑު އެދިފައި ވަނީ 200 މިލިއަން ޑޮލަރު. އިންޑިއާގެ ސަރުކާރުން 200 މިލިއަން ޑޮލަރުގެ ބަޖެޓު ސަޕޯޓު ދޭނެ ވާހަކަ އޮތީ އަޅުގަނޑުމެންނާ ހިއްސާ ކޮށްފައި. ރައީސްގެ ދަތުރުފުޅާ އެއްކޮށް އަޅުގަނޑުމެންނަށް އެކަންތައްތައް އެގްރީމެންޓަކާ ހަމައަށް ގޮއްސަ ސޮއި ކުރެވޭނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ،" އޭނާ ވިދާޅުވި އެވެ.

އަދި އޭގެ އިތުރުން 25 މިލިއަން ޑޮލަރު ވެސް ދޭން އިންޑިއާ އިން ނިންމާފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.

"ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު ލިބިއްޖެ ނަމަ އަޅުގަނޑުމެން ކޮންމެހެން ނުޖެހޭނެ މި ބޮންޑު ވިއްކާކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު ދޭން އިންޑިއާ އިން ނިންމާފައިވާ އިރު އޭގެ އިތުރުން، އިންޑިއާގެ އެގްޒިމް ބޭންކުން ހުޅުވާލާ ކްރެޑިޓް ލައިނެއްގެ ތެރެއިން ސަރުކާރުން ހިންގާ ޕްރޮޖެކްޓުތަކަށް ފަންޑު ދިނުމަށް ވެސް ވާހަކަ ދެކެވުނު ކަމަށް މިިސްޓަރު އަމީރު މިއަދު ވިދާޅުވި އެވެ.

"އިންޑިއަން އެގްޒިމް ބޭންކް ތްރޫކޮށް، [މެދުވެރިކޮށް] އަޅުގަނޑުމެންނަށް އަޅުގަނޑުމެންނަށް ފީޒިބަލް ޕްރޮޖެޓްސްތައް ވިއަބަލް ޕްރޮޖެކްޓްސްތައް ޕްރޮޕޯސަލް ހުށަހެޅީމައި، އެ އެއް ބިލިއަން ޑޮލަރާ ހަމައަށް އަދި އޭގެ އިތުރަށް ވެސް ފަންޑްސް އެރޭންޖު ކުރެވިދާނެ ވާހަކަ ދެކެވުނީ." އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، 72 ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމާއި، ތިން ޓާޝަރީ ހޮސްޕިޓަލު އެޅުމަށާއި، މާލޭގެ ކޮމާޝަލް ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުން ފަދަ މަޝްރޫއުތަކަށް އެހީ ހޯދަން ވާހަކަ ދެކެވުނު ކަމަށެވެ.