03 Dec 2018, 15:35
ސަރުކާރުގެ އިސްވެރިންނާއި އިއްޒަތްތެރިން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި މަރުހާބާ ދެންނެވުމަށް ސުކޫލް ކުދިން ނުނެރުމަށް އެޑުއުކޭޝަން މިނިސްޓްރީން އަނގައިފިއެވެ.
މިއަދު އެ މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވަނީ، ދަރިވަރުން ގިނަ ވަގުތު ކޮޅަށް ތިބުމާއި އަވީގައި ބައިތިއްބުމަކީ އެކަމުގެ ސަބަބުން ދަރިވަރުންގެ ސިއްހަތައް ނެދެވޭ އަސަރުކޮށް، ތަފާތު އުދަގޫތައް ކުރިމަތިވާނެ ކަމެށް ކަމަށެވެ.
"ދަރިވަރުންނާއި ބެލެނެވެރީންގެ ވަގުތުތަކެއް ގެއްލިގެންދާ ކަމަކަށް ވާތީ، އެގޮތަށް ދަރިވަރުން ނެރުމަކީ ކޮންމެހެން ބޭނުންތެރި ކަމަކަށް ނުވާތީ އެކަން އެގޮތަށް ނުކުރުމަށް،" ސުކޫލްތަކަށް އަންގައި އެ ސާކިއުލާގައި ވަނީ ބުނެފައެވެ.
ސަރުކާރުން މިހެން ނިންމާފައި މިވަނީ، މިދިޔަ ހޮނިހިރު ދުވަހު ރައީސް އިބްރާޙިމް މުހައްމަދު ޞާލިޙު ކ. ދިއްފުއްޓަށް އެރަށުގެ ފެނާއި ނަރުދަމާ އިފްތިތާހު ކުރުމަށް ވަޑައިގަތް ދަތުރުފުޅުގައި، އެރަށު ސުކޫލް ކުދިން މަރުހަބާ ދެންނެވުމަށް ސްކޫލުން ވަނީ އަންގާފައި ވަނިކޮށެވެ. އަދި އިދިކޮޅު ޕީޕީއެމް ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު، އަހްމަދު ނިހާން ހުސައިން މަނިކް އެކަމަށް ފާޑު ވިދާޅުވެފައި ވަނިކޮށެވެ.
Konthaaku Mi Jehunee?! Raeesul Jumhooriyyaa Rah Rashah Vadaigatheema School Kudhin Raees ah Marukhabaa Kiyan Abadhuves Nikunnaane. Eiee PPM Sarukaarugai Hama ekani Hingi kameh kamah nuvaane.pic.twitter.com/JiiLJunOLW
— Ahmed Nihan (@ahmed_nihan)December 1, 2018
ސަރުކާރުގެ އިސްވެރިންނާއި އިއްޒަތްތެރިން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި މަރުހަބާ ދެންނެވުމަށް ސުކޫލް ކުދިން މަރުހަބާ ދެންނެވުމަށް ނެރުމަކީ ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. އަދި އެގޮތަށް ކުދިން އަވީގައި ގިނަ އިރު ބޭތިއްބުމާ ދެކޮޅަށް އަބަދުވެސް ގިނަ މީހުން ވާހަކަ ދައްކައެވެ.