ސަރުކާރުން ހިންގާ އެކި މަޝްރޫއުތަކަށް އެއް ބިލިއަން ޑޮލަރާ ހަމައަށް އަދި އެއަށް ވުރެ ގިނައިން ވެސް ފަންޑު ހަމަޖެއްސުމާ ގުޅޭ ގޮތުން އިންޑިއާ ސަރުކާރާ މަޝްވަރާ ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީރާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްލާއިލް ހިމެނިވަޑައިގަންނަވާ ވަފުދެއް ދާދި ފަހުން ވަނީ އިންޑިއާއަށް ވަޑައިގެން އެގައުމުގެ ސަރުކާރުގެ އިސް ވެރިންނާ މަޝްވަަރާ ކުރައްވައިފަ އެވެ.

އެ ބައްދަލުވުމަށް ފަހު، ދެ ގައުމުގެ މެދުގައި އަސްކަރީ ގުޅުން ވަރުގަދަ ކުރުމުގެ ބަދަލުގައި އިންޑިއާ އިން ރާއްޖެ އަށް އެއް ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް އެއްބަސްވާނެ ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފަ އެވެ.

އެކަމާ ގުޅިގެން މިއަދު މިނިސްޓަރު އަމީރު ވިދާޅުވީ، އިންޑިއާއާ އެކު ވާހަކަ ދެކެވުނީ އިންޑިއާގެ އެގްޒިމް ބޭނުންކުން ހުޅުވާލާ ކްރެޑިޓް ލައިނެއްގެ ތެރެއިން، މަޝްރޫއުތަކަށް ފަންޑު ބޭނުން ވުމުން ފަންޑު ދިނުމަށް ކަމަށެވެ.

"އިންޑިއަން އެގްޒިމް ބޭންކް ތްރޫކޮށް، [މެދުވެރިކޮށް] އަޅުގަނޑުމެންނަށް އަޅުގަނޑުމެންނަށް ފީޒިބަލް [ދެކޮޅު ޖެހޭ] ޕްރޮޖެޓްސްތައް ވިއަބަލް ޕްރޮޖެކްޓްސްތައް ޕްރޮޕޯސަލް ހުށަހެޅީމާ، އެ އެއް ބިލިއަން ޑޮލަރާ ހަމައަށް އަދި އޭގެ އިތުރަށް ވެސް ފަންޑްސް އެރޭންޖު ކުރެވިދާނެ ވާހަކަ ދެކެވުނީ." އަމީރު ވިދާޅުވި އެވެ.

"ދޮޅު ޕަސެންޓްގެ އިންޓްރެސްޓު ރޭޓުގައި އަޅުގަނޑުމެންނަށް [ފައިސާ] ލިބޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވީ."

މިނިސްޓަރު އަމީރު ވިދާޅުވީ، އެގޮތަށް އިންޑިއާއިން އެހީ ހޯދުމަކީ ރާއްޖޭގެ ދަރަންޏަށް އެއް ބިލިއަން ޑޮލަރު އިތުރުވުން ކަމުގައި ނުބެލެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ދަރަަންޏަށް އެއް ބިލިއަން ޑޮލަރު އިތުވަނީކީ ވެސް ނޫން، އަދި އެއް ބިލިއަން ޑޮލަރު އަޅުގަނޑުމެން އިންޑިއާ އަތުން ހޯދަނީކީ ވެސް ނޫން."

އޭނާ ވިދާޅުވީ، 72 ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމާއި ތިން ޓާޝަރީ ހޮސްޕިޓަލު އެޅުމަށާއި މާލޭގެ ކޮމާޝަލް ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުން ފަދަ މަޝްރޫއުތަކަށް އެހީ ހޯދުމަށް އިންޑިއާއާ އެކު ވާހަކަ ދެކެވުނު ކަމަށެވެ.

އިންޑިއާ އިން ރާއްޖެއަށް އެހީ ފޯރުކޮށްދިނުމުގެ ބަދަލުގައި ރާއްޖޭގައި އިންޑިއާ ސިފައިން ބައިތިއްބަން އެއްބަސްވާން އުޅުނު ކަމަށް ވެސް ކުރިން ވާހަކަ ދެކެވުނެވެ. ނަމަވެސް އެކަން ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގެ މިލިޓަރީ ބޭހެއް ރާއްޖޭގައި ހެދުމަށް ވާހަކަ ނުދައްކާ ކަމަށެވެ. ނަމަވެސް އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުމާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީއަކުން އަދި މިހާތަނަށް އެއްޗެއް ނުބުނެ އެވެ.