ދޯހާ (ޑިސެމްބަރު 3): ތެޔޮ އުފައްދާ 15 ގައުމު ހިމެނޭ އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް)އިން ވަކިވާން ގަތަރުން ނިންމައިފި އެވެ.

ގަތަރުގެ އެނާޖީ މިނިސްޓަރު ސާދު ޝެރިދާ ވިދާޅުވި ގޮތުގައި އޯޕެކުން ވަކިވާން އެގައުމުން ނިންމީ ގުދުރަތީ ގޭސް އުފައްދާ މިންވަރު އިތުރު ކުރުމަށް ޓަކަ އެވެ.

އެގޮތުން އެގައުމުން މިހާރު އުފައްދަނީ އަހަރަކު 110 މިލިއަން ޓަނުގެ ގޭސް ކަމަށާއި، މުސްތަގުބަލުގައި އަހަރަކު 77 މިލިއަން ޓަނުގެ ގޭސް އުފައްދަން އެގައުމުން ބޭނުންވާ ކަމަށް ޝެރިދާ ވިދާޅުވި އެވެ.

ގަތަރަކީ އޯޕެކުން ވަކިވާ ގަލްފުގެ ފުރަތަމަ ގައުމެވެ. އެގައުމުން އޯޕެކާ ގުޅުނީ އެޖަމިއްޔާ އުފެއްދިތާ އެއް އަހަރު ފަހުން، ޖެނުއަރީ 1961ގަ އެވެ.

ދެހާސްތޭރަ ވަނަ އަހަރުން ފެށިގެން ގަތަރުން ތެޔޮ އުފައްދާ މިންވަރު ވަނީ ދަށްވެފަ އެވެ. އެގޮތުން 2013 ވަނަ އަހަރު ދުވާލަކު 728،000 ފީފާ ތެޔޮ އުފެއްދި ނަމަވެސް 2017 ވަނަ އަހަރު އެއަދަދު ވަނީ 607،000 ފީފާއަށް ދަށްވެފަ އެވެ.