29 Sep 2011, 15:58
ޗެމްޕިއަންސް ލީގުގައި ރޭ ވެލެންސިއާ އާއި ދެކޮޅަށް ޗެލްސީ 1-1 ލަނޑުން އެއްވަރުވި މެޗުގައި ފަހު ހަތް މިނެޓަށް ސޮލަމަން ކަލޫ އެރުވުމަކީ ހެދުނު ގޯހެއް ކަމަށް ގަބޫލު ނުކުރާކަމަށް އެކުލަބުގެ ކޯޗު އަންދުރޭ ވިލަސް ބޮއަސް ބުނެފި އެވެ.
ރޭ ކުޅުނު މެޗުގައި ކަލޫ ބޯޅާގައި އަތްލުމުން ވެލެންސިއާ އަށް ޕެނަލްޓީ އެއް ލިބި ޗެލްސީ ހިފެހެއްޓުމުގެ ފުރުސަތު ލިބިފައި ވެއެވެ.
ރޭގެ މެޗުގައި ވެލެންސިއާ ކޮޅަށް ލަނޑު ކާމިޔާބު ކޮށްދިން ފްރޭންކް ލަމްޕާޑް ބޭލުމަށް ފަހު މެޗުގެ 83 ވަނަ މިނެޓުގައި ފެނިގެންދިޔައީ އޭނާގެ ބަދަލުގައި ކަލޫ އެރުވުތަނެވެ. މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޕެނަލްޓީ އޭރިޔާ ތެރެއިން ކަލޫ ބޯޅާގައި އަތްލުމުގެ ސަބަބުން ވެލެންސިއާ އަށް ޕެނަލްޓީއެއް ލިބުމުން އެޓީމު ނަތީޖާ ހަމަހަމަ ކޮށްފައި ވެއެވެ.
"އެއީ ކުރެވުނު ރަނގަޅު ބަދަލެއް ކަމަށް އަހަރެން ދެކެނީ. އަހަރެން ކަލޫ އަށް ފާޑެއް ނުކިޔާނަން. އެއީ ފުޓިބޯޅާގައި ދިމާވެދާނެ ކަމެއްކަމަށް އަހަރެން ދެކެން. އަހަރެމެންނަށް ވަތް ފަޅި ކޮންޓްރޯލް ކުރެވުނު. ޑިފެންޑަރެއް ކުޅެން އެރުވުމުން މިހެން ދިމާވީސް. އަހަރެމެންނަށް ދެލަނޑުގެ ލީޑެއް ހޯދަން ފުރުސަތުތަކެއް ލިބުނު. ނަމަވެސް ނަސީބު ދެރަކަމުން އެ ހަމަލާތައް ވެލެންސިއާގެ ގޯލު ތެރެއަށް ނުވަނީ." ޗެލްސީގެ ކޯޗު ވިލަސް ބޮއަސް ބުންޏެވެ.
ރޭ ކުޅުނު މެޗު 1-1 ލަނޑުން އެއްވަރުވީ ނަމަވެސް ގްރޫޕް އެފްގެ އެއްވަނާގައި އަދިވެސް އޮތީ ޗެލްސީ އެވެ. ފުރަތަމަ މެޗުން ލިބުނު ތިން ޕޮއިންޓާއި ރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު ޗެލްސީ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ދެވަނާގައި އުޅެނީ ތިން ޕޮއިންޓް ލިބުނު ބެޔާން ލެވަކޫސަން އެވެ. ދެޕޮއިންޓާއެކު ތިންވަނާގައި ވެލެންސިއާ އޮތްއިރު ލިބުނު ޕޮއިންޓަކާއެކު މިގްރޫޕުގެ އެންމެ ފުލުގައި އޮތީ ރޭސިންގް ގެންކް އެވެ.