އުމުރުން 65 އަހަރުން މަތީ މީހުންނަށް ރައީސުލްޖުމްހޫރިއްޔާ ކަން ނުކުރެވޭ އިސްލާހު އުވާލުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ވެރިކަން ކުރާ މީހުންގެ ޝަރުރުތައް 30 އަހަރާއި 65 އަހަރާ ދެމެދު މީހަކަށް ވުން ގާނޫނު އަސާސީ އަށް އިސްލާހު ގެނައީ ރައީސް ޔާމިންގެ ވެރިކަމުގައި އެވެ.

ނަމަވެސް މިދިޔަ ބުދަ ދުވަހު، އިދިކޮޅު ޕީޕީއެމް އިން ހުށަހެޅި އެ އިސްލާހު އުވާލާން ފާސްކޮށް، ގާނޫނު އަސާސީ ތަސްގު ކުރި އިރު އޮތް ގޮތަށް 35 އަހަރުން މައްޗަށް ވެރިކަން ކުރާ މީހުންގެ ޝަރުތު ވަނީ ބަދަލުކޮށްފަ އެވެ.

އެ ބިލް ރައީސް ސޯލިހް މިއަދު ތަސްދީގު ކުރެއްވުމާ އެކު، 65 އަހަރު ފުރިފައިވާ މީހުންނަށް ވެސް ރައީސް ކަން ކުރުމުގެ ފުރުސަތު ހުޅުވުނީ އެވެ. އަދި ރައީސްއަކަށް އިންތިހާބު ކުރާ މީހެއްގެ އެންމެ ދަށް އުމުރުގެ ގޮތުގަައި އަނެއްކާ ވެސް 35 އަހަރު ހަމަޖެހިގެން ދިޔައީ އެވެ.

މި އިސްލާހާ އެކު ކުރީގެ ރައީސް މައުމޫން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ވެސް ވެރިކަމަށް ކުރިމަތިލުމުގެ ދޮރު ހުޅުވުނީ އެވެ.