03 Dec 2018, 15:16
އަންހެނުން މައްސަރު ދުވަސްވަރު ބޭނުންކުރާ ޕެޑާއި ޓެމްޕެކްސް ފަދަ ބާވަތްތަކުން ނަގާ ޓެކްސް ކަނޑާލުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅައި ފާސް ކުރި ބިލު މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ.
ކުރިން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގައި އޮންނަ ގޮތުން ޕެޑުން ވެސް ޖީއެސްޓީގެ ހަ ޕަސެންޓު ނަގަ އެވެ.
އެކަން ބަދަލު ކުރުމަށް މުދާލާ ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހުގެނައުމަށް ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ބާރީ އަބްދުﷲ އެވެ. އޭނާ ހުށަހެޅުއްވި އިސްލާހު ފާސްވީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 73 މެންބަރުންގެ އިއްތިފާގުންނެވެ.
ޕެޑުން ޓެކްސް ނެގުން ހުއްޓުވުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. މިއަދު އެ ބިލު ރައީސް ސޯލިހު ތަސްދީގު ކުރެއްވުމާ އެކު އެ ވައުދު ވަނީ ފުއްދިފަ އެވެ.
ޕެޑުން ޓެކްސް ނެގުން ހުއްޓާލި ނަމަވެސް، އެ ތަކެތީގެ އަގަށް ވިޔަފާރިތަކުން ބަދަލު ގެންނާނެ ކަން ޔަގީން ކުރުމަށް އެފަދަ ތަކެތި ވިއްކާ އަގު ކޮންޓްރޯލު ކުރާނެ ގޮތްތަކެއް ކަނޑައަޅަން ޖެހޭ ކަމަށް ބިލަށް ބަހުސް ކުރި އިރު ބައެއް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.