03 Dec 2018, 13:47
މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ކެބިނެޓަށް ރުހުން ދޭން ފާސް ކުރީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ހައުސިން މިނިސްޓަރު އާތިފާ ޝަކޫރުގެ ކޮރަޕްޝަން މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުން ދަނިކޮށް ކަން ހާމަ ވެއްޖެ އެވެ.
ކެބިނެޓަށް ރުހުން ދިނުމަށް ޓަކައި އެއްވެސް ވަޒީރެއްގެ ކޮރަޕްޝަނާ ގުޅޭ މައްސަލައެއް އެ ކޮމިޝަނުން ބަލުމުން ދޭތޯ ބެލުމަށް ޓަކައި، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ އެދުމަށް އޭސީސީން މިއަދު ވަނީ ކޮމިޓީއަށް އެކަމާ ގުޅޭ ރިޕޯޓުތައް ހަވާލު ކޮށްފަ އެވެ.
އެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ކޮމިޓީގެ މުގައްރިރު ރިޔާޒް ރަޝީދު ވިދާޅުވީ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ދެ ބޭފުޅެއްގެ މައްސަލަ އޭސީސީން ބަލަމުންދާ ކަމަށެވެ. އެ ދެ މިނިސްޓަރުންގެ ނަން އޭނާ ހާމައެއް ނުކުރައްވަ އެވެ.
ނޮވެމްބަރު 17، 2018: ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކެބިނެޓް ހުވާކުރުމާއި ރައީސް އޮފީހުގެ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަނުކުރުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތު -- ސަން ފޮޓޯ/ އަޙްމަދު އަވްޝަން އިލްޔާސް
ރިޔާޒް ވިދާޅުވީ އެ މައްސަލަތައް އޭސީސީިން ބަލަމުން ދިޔަ ކަމުގައި ވީ ނަމަވެސް، އެ މައްސަލަތަކަކީ ކުށް ސާބިތުވެފައި ނުވާ މައްސަލަތަކެއް ކަމަށެވެ.
އެނގިފައިވާ ގޮތުގައި ބަލަމުން އަންނަނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ހައުސިން އެންޑް އާބަން މިނިސްޓަރު އާތިފާ ޝުކޫރުގެ މައްސަލަ އެވެ.
އަލީ ވަހީދު ޑީއާރުޕީގައި ހުންނެވުމަށް ފަހު، އޭރު ސަރުކާރު ހިނގާ ޕާޓީ އެމްޑީޕީއަށް ސޮއިކުރެއްވީ ކޮރަޕްޝަނުގެ އަމަލުތަކެއް ހިމެނޭ ގޮތަށް ކަމަށް ބުނާ މައްސަލައަށް އޭސީސީ އަށް މީގެ ކުރިން ހުށަހެޅި އެވެ. ނަމަވެސް އާތިފާއާ ގުޅޭ ގޮތުން ބަލަނީ ކޮން މައްސަލައެއް ކަމެއް އެނގިފައި ނުވެ އެވެ.