މިހާތަނަށް ދިވެހި ދައުލަތުގައި ހިނގާފައިވާ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރުސީގެ މައްސަލާގައި ސުވާލު ކުރަން ޖެހޭ މީހުން ރާއްޖޭން ބޭރުގައި ފިލާ ތިބި ކަމަށާއި އެމީހުންނާ ސުވާލު ނުކޮށް މައްސަލަ ނުނިންމޭނެ ކަމަށް އޭސީސީގެ ރައީސް ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީ މައްސަލަ އޭސީސީން ތަހުގީގު ކުރަމުންދާތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެ މައްސަލާގައި ތުހުމަތު ކުރެވިގެން ހޯދަން އިއުލާނު ކުރި އެސްއޯއެފްއާ ގުޅުން ހުރި މީހުން އަދި ވެސް ތިބީ ރާއްޖޭން ބޭރުގަ އެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ސުވާލު ކުރެއްވީ އެމްއެމްޕީއާރުސީގެ އެއް މިލިއަން ޑޮލަރު ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާވި މައްސަލަ ބެލުން ލަސްވަނީ ކީއްވެތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ލުތުފީ ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލާގައި ތުހުމަތު ކުރެވޭ ބައެއް މީހުން ރާއްޖޭން ބޭރުގައި ފިލައިގެން ތިބި ކަމަށެވެ.

ހަސަން ލުތުފީ މިއަދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި --- ސަންފޮޓޯ/ ފަޔާޒު މޫސާ

"މައްސަލައެއްގައި ހަމަ އެންމެ މީހެއްގެ ބަޔާނަކުންނެއް އަޅުގަނޑުމެންނަކަށް ނުފުދޭނެ. މައްސަލާގައި ސުވާލު ކުރަން ޖެހޭ ވަރަށް ގިނަ މީހުންވީ ރާއްޖޭން ބޭރުގައި." ލުތުފީ ވިދާޅުވި އެވެ.

ފުލުހުން މެދުވެރިކޮށް އެމީހުން ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުނު ނަމަވެސް އެކަން ކާމިޔާބު ވާގޮތް ވެފައި ނުވާ ކަމަށް ލުތުފީ ވިދާޅުވި އެވެ.

"އޭން މީހެއްގެ ބަހެއް ނުލިބެނީސް އެ މައްސަލަ ނިންމާފައި ޝަރީއަތަކަށް ވެސް ނުފޮނުވޭނެ." ލުތުފީ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ފައިސާ އިން ރައީސް ޔާމީން އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮރު އޭސީސީގެ ނަމުގައި އެކައުންޓެއް ހުޅުވާފައި އެ ފައިސާ ހިފެހެއްޓިފައި ވާނެ ކަމަށް ލުތުފީ ވިދާޅުވި އެވެ.

އޭސީސީ އިން މިހާތަނަށް އެމްއެމްޕީއާރުސީން ދޫކުރި ފަޅުތަކާއި ރަށްތަކުގެ ތެރެއިން ކޮރަޕްޝަން ހިމެނޭ ގޮތަށް ދޫކޮށްފައި ހުރި ރަށްތަކުގެ މައްސަލަ ނިންމައި ޕީޖީއަށް ފޮނުވުމުން ދައުވާ ވެސް ކޮށްފައިވާ ކަމަށް ލުތުފީ ވިދާޅުވި އެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ރަށްތަކާ ގުޅުން ހުރި 14 މައްސަލައެއް ނިންމާފައިވާ ކަމަށް ލުތުފީ ވިދާޅުވި އެވެ.

ހަސަން ލުތުފީ މިއަދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި --- ސަންފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް އެމައްސަލާގެ ބައެއް މައުލޫމާތު އާންމުކޮށް ހާމަ ނުކޮށް މަޑުޖައްސާލާފައި ވަނީ އެސެޓް ރިކަވާ ކުރުމުގެ މަސައްކަތް ކުރިއަށް ދާތީ ކަމަށް ލުތުފީ ވަނީ ވިދާޅުވެފަ އެވެ.

ލުތުފީ ވިދާޅުވީ އޭސީސީ އިން މައްސަލަ ބަލާ އިރު މައްސަލައިގެ ބޮޑު ކުޑަ މިނަށް ބަލައި މައްސަލަތައް އަވަސް ކުރަން ފެންނަ ނަމަ ކުރާ ކަމަށެވެ. މައްސަލަ ބެލުމުގައި އެއްވެސް މީހަކަށް ހާއްސަ އިސްކަމެއް ނުދޭ ކަމަށް ލުތުފީ ވިދާޅުވި އެވެ.

"ލަސްތަކެއް ހުންނާނެ. އަޅުގަނޑުމެން ތަހުގީގު ކުރަމުން އެބަދަން ވަރަށް ގިނަ މައްސަލަތައް. މައްސަލަ ހުށަހެޅޭ ތަރުތީބުން މިއަށް އިސްކަމެއް މިދެވެނީ. ވަކި ކަމަކަށް ވަކި މީހަކަށް އޭގައި ހިމެނޭ ބައިވެރިންނަށް އިސްކަންދެވޭ ކަހަލަ ގޮތަކަށް ނޫން. މައްސަލައިގެ ކުޑަބޮޑުމިނަށް އިސްކަންދެވިގެން ދަނީ،" ލުތުފީ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ މައްސަލާގައި ފުލުހުން ހޯދަން އިއުލާނުކޮށްފައި ވަނީ މ. ސެސްނާ މުހައްމަދު އައްލާމް ލަތީފާއި ގ. އޮއިވާލި އިސްހާގު ހުސައިން އަދި މ. ލޭންޑް އޮފް ގާޑަން އަހުމަދު އިޝްފާހު އަލީ އެވެ.