އަބޫޖާ (ޑިސެމްބަރު 3): ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީ އަވަހާރަވެއްޖެ ކަމަށާއި މިހާރު އެމަގާމުގައި ހުންނެވީ ރައީސްއާ ވައްތަރު 'ކްލޯންއެއް' ކަމަށް ބުނާ ރިޕޯޓުތައް ބުހާރީ ދޮގު ކުރައްވައިފި އެވެ.

މިދިޔަ އަހަރު ބުހާރީ ވަނީ ސަރުކާރުން ހާމަކޮށްފައި ނުވާ ބައްޔަކަށް ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތުގައި ފަސް މަސް ހޭދަ ކުރައްވައިފަ އެވެ. އޭގެ ސަބަބުން ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ބުހާރީ އަވަހާރަވެއްޖެ ކަމަށް ބުނެ ވާހަކަ ފަތުރާފަ އެވެ. އަދި ފަހުން ރައީސްގެ މަގާމަށް ވަޑައިގެންނެވީ، ބުހާރީއާ ވައްތަރު ސޫދާންގެ މީހެއް ކަމަށްވާ ޖުބްރިލް ނަމަކަށް ކިޔާ މީހެއް ކަމަށް ބުނެފަ އެވެ.

އެ ހަބަރުތަކުގެ އެއްވެސް ހެއްކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި ނުވެ އެވެ. ނަމަވެސް އެވާހަކަތައް ފަތުރާ ޔޫޓިއުބް އަދި ފޭސްބުކް ވީޑިއޯތައް އެތައް ހާސް މީހުން ވަނީ ބަލައިފަ އެވެ.

"މީ ހަމަ އަސްލު ވެސް އަޅުގަނޑު. އަޅުގަނޑު އެކަމުގެ ޔަގީންކަން ދެން. އަޅުގަނޑުގެ 76 ވަނަ އުފަން ދުވަސް ވަރަށް އަވަހަށް ފާހަގަ ކުރާނަން. ދެން ވެސް ހުންނާނީ ވަރުގަދަކޮށް،" ޕޮލެންޑުގައި އޮތް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ބުހާރީ ވިދާޅުވި އެވެ.

ބުހާރީ ވިދާޅުވި ގޮތުގައި އޭނާ ފަރުވާ ހޯއްދަވަން ގައުމުން ބޭރުގައި ހުންނެވި އިރު، ގިނަ އަދަދެއްގެ މީހުން ވަނީ އޭނާ އަވަހާރަވި ކަމަށް އުއްމީދުކޮށްފަ އެވެ. އަދި ބައެއް މީހުން ވަނީ ބުހާރީގެ ނައިބު ރައީސް، ރައީސް ކަމަށް ވަޑައިގަތުމުން އެމީހުން ނައިބު ރައީސް ކަމަށް އައްޔަން ކުރުމަށް އެދިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބުހާރީ ވަނީ އެދޮގު ހަބަރު ފެތުރި ފަރާތްތަކަކީ "ވިސްނުން ކޮށި އަދި ލާދީނީ" މީހުން ކަމަށް ވިދާޅުވެފަ އެވެ.