މަތީ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން )ޖޭއެސްސީ( އިން ކުރަމުންދާ މަސައްކަތް ހުއްޓުވައިދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެ ކޯޓުގައި ނުބެލޭނެ ކަމަށް ހައިކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ހައިކޯޓުން މިގޮތަށް ހުކުމް ކޮށްފައިވަނީ މަތީ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމުގެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެ ކަމަށް އެކޯޓުން ކުރި ހުކުމް ޖޭއެސްސީން ހައިކޯޓުގެ އިސްތިއުނާފާކުރުމުން، އެމައްސަލަ ބެލުމަށްފަހު އެވެ.

ހުކުމް އިއްވަވަމުން އިސް ފަނޑިޔާރު އަހުމަދު ޝަރީފް ވިދާޅުވީ، 10 ވަކީލަކު ހުށަހެޅުއްވި އެމައްސަލައިގެ ދައުވާގައި އެދިފައި ވަނީ ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމަށް ހަދާފައިވާ ގަވާއިދާއި މާކްސް ދިނުމުގައި ބަލާނެ އުސޫލުގައި ހިމެނޭ ގާނޫނު އަސާސީ އާއި ކޯޓުތަކާ ބެހޭ ގާނޫނާ ތައާރުޒުވާ މާއްދާތައް ބާތިލްކުރުމަށް ކަމަށް ވާއިރު އެއީ ދުސްތޫރީ މައްސަލައެއް ކަން ސާފުކޮށް އެނގޭ ކަމަށެވެ.

އަދި ކޮންމެ ކޯޓަކަށް ވެސް އެ ކޯޓުގެ އިހްތިސާސްގެ ތެރޭގައިވާ ދުސްތޫރީ މައްސަލަތައް ބެލޭނެ ކަމަށް ގާނޫނު އަސާސީގެ 144 ވަނަ މާއްދާގައި ބުނެފައިވާ ކަމަށް ވެސް އިސް ފަނޑިޔާރު ވިދާޅުވި އެވެ.

ނަމަވެސް، "ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ގާނޫނު އަސާސީއާއި ހިލާފުވާ ކަމަށް ނުވަތަ ގަވައިދެއް ނުވަތަ ގަވައިދެއްގެ ބައެއް ގާނޫނު އަސާސީއާ ހިލާފުވާ ކަމަށް ހުށަހެޅޭ މައްސަލައަކީ" ހަމައެކަނި ހައިކޯޓާއި ސުޕްރީމް ކޯޓުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ މައްސަލައެއްކަން ގާނޫނު އަސާސީއާއި ކޯޓުތަކާއި ބެހޭ ގާނޫނުގެ ސަރީހަ ނައްސުން އެނގެން އެބައޮތް ކަމަށް ވެސް ހުކުމް އިއްވަވަމުން ވިދާޅުވި އެވެ.

އެހެންކަމުން، ފަނޑިޔާރުންގެ މައްސަލަ ބެލޭނެ ކަމަށް ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަކީ ބާތިލު ނިންމެވުމަށް ކަމަށް ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑަޅައި، އެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ގެންދިއުމަށް އަންގާ އަމުރުކުރީ ކަމަށް ވެސް ހުކުމްގައިވެ އެވެ.