ދިވެހި ދައުލަތުގެ ދަރަނީގެ ޖުމްލަ އަދަދު 3.7 ބިލިއަން ޑޮލަރަަށް އަރާ ކަމަށް ފިނޭންސް މިނިސްޓަަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިމިނިސްޓަރު ވިދާޅުވީ ރާއްޖޭގެ، އެތެރޭގެ ދަރަނި އުޅެނީ 1.9 ބިލިއަން ޑޮލަރުގައި ކަމަށެވެ. އަދި ބޭރުގެ ދަރަނި އުޅެނީ، 1.8 ބިލިއަން ޑޮލަރުގައި ކަމަށާއި އޭގެ ޖުމްލަ އަދަދަ 3.7 ބިލިއަން ޑޮލަރު ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާ އެކު ގުޅުން ބަދަހިކޮށް، އެކި މަޝްރޫއުތަކަށް ވަނީ ޗައިނާ އިން ލޯނުތައް ނަގައިފަ އެވެ. އެ ލޯނުތަކުގެ ސަބަބުން ދައުލަތް ޗައިނާއަށް ދަރާފައިވާ ޖުމްލަ އަދަދު މީގެ ކުރިން ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

މިއަދު މިނިިސްޓަރު އަމީރު ވިދާޅުވީ، ދިވެހި ދައުލަތުން ޗައިނާއަށް ދައްކަން ޖެހޭ ދަރަނީގެ ޖުމްލަ އަދަދަކީ 1.4 ބިލިއަން ޑޮލަރު ކަމަށެވެ. އޭގެ ތެރެއިން 857 މިލިއަން ޑޮލަރު ބޭނުންކޮށްފައިވާ ކަން މިނިސްޓަރު ހާމަ ކުރެއްވި އެވެ.

24 ފަރާތަކަށް ސޮވެރިން ގެރެންޓީ ދީފައި ވޭ

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުން ވަނީ އެކި ފަރާތްތަކަށް ސޮވެރިން ގެރެންޓީ ވެސް ދޫކޮށްފަ އެވެ. އެ ސަރުކާރުގައި އެ މައުލޫމާތު ހާމަކޮށްފައި ނުވެ އެވެ.

މިއަދު ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައި ވަނީ 24 ފަރާތަކަށް ކަމަށެވެ. އެއީ 1.368 ބިލިއަން ރުފިޔާގެ ގެރެންޓީ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރެއިން ބޭނުންކޮށްފައި ވަނީ 667 މިލިއަން ޑޮލަރެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، ސޮވެރިން ގެރެންޓީ ދޫކުރި ފަރާތްކުގެ ތަފްސީލު މިއަދު ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި އާންމު ކުރާނެ ކަމަށެވެ.

ސަރުކާރުން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ (ދައުލަތުގެ ކުންފުނިތަކާއި ޕްރައިވެޓް ސެކްޓާ)

"ދައުލަތުގެ އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ގާތްގަނޑަކަށް 2.4 ބިލިއަން ރުފިޔާއަށް އަރާ." މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ ތެރޭގައި ހިމެނެނ:ީ

  • ޕާޗޭސް އޯޑާ އަށް 428 މިލިއަން ރުފިޔާ

  • ޕާސްޓް އަދި ޕޯސްޓެޑް އިންވޮއިސްގެ އަދަދު 824 މިލިއަން ރުފިޔާ
  • އާސަންދަ އަށް 103 މިލިއަން ރުފިޔާ
  • އެސްޓީއޯއަށް 786 މިލިއަން ރުފިޔާ
  • ސްޓެލްކޯއަށް 151 މިލިއަން ރުފިޔާ
  • ފެނަކަ ކޯޕަރޭޝަނަށް 101 މިލިއަން ރުފިޔާ
  • އައިލެންޑް އޭވިއޭޝަނަށް 66 މިލިއަން ރުފިޔާ

އެކި ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ

އެކި ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ ޖުމްލަ އަދަދު 1.3 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް މިއަދު މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ 30 މިލިއަން ރުފިޔާ

  • މޯފާއިން ދޯނިތަކަށް ދޫކޮށްފައިވާ ލޯނަށް 14 މިލިއަން ރުފިޔާ
  • މޯފާއިން އިންޖީނު އެޅުމަށް ދޫކޮށްފައިވާ ލޯނަށް 1.8 މިލިއަން ރުފިޔާ
  • އެގްރިކަލްޗަރަލް ރިލޯވްވިން ފަންޑުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނަށް 32 މިލިއަން ރުފިޔާ
  • އެކި އެކި ކުންފުނިތަކަށް ދުކޮށްފައިވާ ލޯނުތަކަށް 514 މިލިއަން ރުފިޔާ
  • ޕޮލްކޯއިން ދައްކަން ޖެހޭ 369 މިލިއަން ރުފިޔާ
  • ސިފްކޯއިން ދައްކަން ޖެހޭ 391 މިލިއަން ރުފިޔާ

ދާދި ފަހުން ފާސް ކުރި ދައުލަތުގެ ބަޖެޓުގައި ލަފާ ކޮށްފައި ވަނީ 110 މިލިއަން ޑޮލަރުގެ ގްރާންޓް އެހީ ލިބޭނެ ކަމަށެވެ. މިނިސްޓަރު މިއަދު ވިދާޅުވީ އޭގެ ތެރެއިން 45 މިލިއަން ޑޮލަރު ލިބޭނެކަން ކަށަވަރު ވެފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، 150 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކަން ބަޖެޓުގައި ވެސް ހިމަނާފައި ވާނެ ކަމަށެވެ. އެހެން ނަމަވެސް، އެހެން ގައުމުތަކުން ބަޖެޓު ސަޕޯޓަށް 200 މިލިއަން ޑޮލަރު ލިބިއްޖެ ނަމަ އެ ބޮންޑު ނުވިއްކައި ވެސް ކުރި އަށް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑެބްޓް މެނޭޖް ކުރުމަށްޓަކައި މިހާރު ވެސް ފިނޭންސް މިނިސްޓްރީގައި ސޮވެރިން ޑިވޮލޮޕްމެންޓު ފަންޑެއް އޮވޭ. އޭގައި އަޅުގަނޑުމެންގެ ވިސްނުމަކީ 2022 އަށް އަދި 2023 އަށް މެޗުއާ ވާ ބޮންޑު އޭގެ ކުރިން ވެސް ސެކަންޑްރީ މާކެޓުގައި ބައިބެކް ކޮށްގެން އަޅުގަނޑުމެންގެ ދަރަނި ކުޑަ ކުރެވޭނެ ގޮތްތަކަށް ސިޔާސަތުތައް ބައްޓަން ކުރަން އަޅުގަނޑުމެން އެބަ ވިސްނަން."