ދިވެހި ފިލްމީ ދާއިރާއަށް އަލަށް ވުޖޫދުކުރި ދިވެހި ވެބްސީރީޒް "ހުވާ"ގެ ދެވަނަ އެޕިސޯޑު މިރޭ "ބައިސްކޯފު" އެޕުން ދައްކާނެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސީރީޒްގެ ފުރަތަމަ އެޕިސޯޑު ދެއްކިއިރު އެ ސީރީޒް ބަލަން އެވަގުތު އެތައް ހާސް ބަޔަކު އެޕް ހުޅުވާގެން ތިބުމުން އެވަގުތު ވަނީ "ބައިސްކޯފު" އެޕްގެ ސާވާއަށް މައްސަލަތަކެއް ދިމާވެފަ އެވެ.

"ހުވާ"ގެ ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ) ސަން އަށް ބުނީ މިރޭ އެޕުން މައްސަލައެއް ނުޖެހި ސީރީޒް ބެލޭނެ ކަމަށާއި އަދި އެފަދަ މައްސަލައެއް ދިމާނުވާ ވަރަށް "ބައިސްކޯފު" ޓީމުން ތައްޔާރަށް ތިބި ކަމަށެވެ.

ފުރަތަމަ އެޕިސޯޑު ބެލުމަށް އެއްފަހަރާ ވަނީ 16،000 އަށް ވުރެ ގިނަ މީހުން އެޕް ބޭނުންކޮށްފަ އެވެ.

"ހުވާ"އަށް ގިނަ ބެލުންތެރިންނެއް ތައުރީފުކުރަމުން އަންނައިރު ނަހޫ ބުނީ ހީކުރި ވަރަށް ވުރެއް ބޮޑު ތަރުހީބެއް އެ އެޕިސޯޑަށް ލިބުނު ކަމަށާއި ގިނަ ބަޔަކު "ހުވާ" ބަލަން ކެތްމަދުވެފައި ތިބިކަން ހާމަވެގެން ދިޔަ ކަމަށެވެ.

"ހުވާ"ގެ ދެވަނަ އެޕިސޯޑު މިރޭ 21:00ގައި ބައިސްކޯފު އެޕުން ދައްކާނެ އެވެ.

"ހުވާ" އަކީ 40 އަށް ވުރެ ގިނަ އެކްޓަރުން ބައިވެރިކޮށްގެން ހެދި ވެބްސީރީޒެކެވެ. އެ ސީރީޒްގެ އާ އެޕިސޯޑެއް ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހުގެ ރޭ "ބައިސްކޯފު"ން ސްޓްރީމް ކުރާނެއެވެ.