03 Dec 2018, 10:17
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ރައީސް އަބްދުﷲ ޔާމީން އަންޔަން ކުރެއްވި ގ. ރޭނިސް، އަހުމަދު ސަލީމް އެމަގާމުން ވަކިކުރައްވައިފިއެވެ.
ޖޭއެސްސީގެ ސެކެޓްރީ ޖެނެރަލް އަބޫބަކުރު މުހައްމަދު މިއަދު "ސަން" އަށް ވިދާޅުވީ ރޭނިސް ސަލީމް މަގާމުން ވަކި ކުރައްވަން ނިންމައި ރައީސް ޞާލިހުގެ ފަރާތުން ޖޭއެސްސީއަށް ފޮނުއްވި ސިޓީފުޅު ޖޭއެސްސީއަށް ލިބިފައި ވަނީ ނޮވެމްބަރު 25 ވަނަ ދުވަހު ކަމަށެވެ. އަދި އެ ސިޓީ ފޮނުވާފައި ވަނީ 22 ނޮވެމްބަރުގައި ކަމަށް ވިދާޅުވިއެވެ.
ޖޭއެސްސީއަށް ސަލީމް އަންޔަން ކުރައްވާފައި ވަނީ މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ، ކުރިން ޖޭއެސްސީއަށް ރައީސް ޔާމިން އަންޔަން ކުރައްވާފައި ހުންނެވި މުހައްމަދު ފައިސަލް ހައިކޯޓުގެ ފަނޑިޔާރުކަމަށް ބަދަލުކުރުމާއި ގުޅިގެންނެވެ.
ރޭނިސް ސަލީމް ވަނީ ސެޕްޓެމްބަރު 23 ވަނަ ދުވަހުގެ އޮތް ރިޔާސީ އިންތިހާބުގެ ނަތީޖާ ރައީސް ޔާމީންގެ ފަރާތްޕުޅުން ގަބޫލު ނުކޮށް، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ރައީސް ޔާމީންގެ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ. ޖޭއެސްސީގެ މެމްބަރު ކަމުގައި ހުންނަވައިގެން އެ މައްސަލައިގައި ރައީސް ޔާމީން ތަމްސީލު ކުރެއްވުމުން އޭނާއަށް ފާޑުކިޔުން ވެސް އަމާޒުވިއެވެ.