މަނާމާ(ޑިސެމްބަރު 3): ބަހްރެއިންގެ ޕާލިމެންޓަށް ރެކޯޑު އަދަދަކަށް އަންހެނުން އިންތިހާބުވެއްޖެއެވެ.

އެގައުމުގެ އާއްމު އިންތިހާބުގައި ފުރަތަމަ ވޯޓުލާފައި ވަނީ މިދިޔަ މަހުގެ 24ގައެވެ. އަދި ބައެއް ދާއިރާތަކުން އެއްވެސް މެމްބަރަކަށް މެޖޯރިޓީ ލިބިފައި ނުވާތީ، ދެވަނަ ރައުންޑުގެ ވޯޓުލުން ބާއްވާފައި ވަނީ ހޮނިހިރު ދުވަހުގައެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ބަހްރެއިންގެ 40 މެމްބަރުން ހިމެނޭ ޕާލިމެންޓަށް މިފަހަރު ވަނީ ހަ އަންހެނުން އިންތިހާބުވެފައެވެ. އެއީ މިދިޔަ ދައުރާ އަޅާ ބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.

ބަހްރެއިންގައި 2002 ވަނަ އަހަރު ބޭއްވި އާއްމު އިންތިހާބުގައި އެއްވެސް އަންހެނަކު ވާދަކޮށްފައި ނުވެއެވެ. އޭގެ ފަހުން 2006 ވަނަ އަހަރާއި 2010 ވަނަ އަހަރު ބޭއްވި އިންތިހާބުގައި މަޖިލީހަށް ހޮވުނީ އެންމެ އަންހެނެކެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ތިން އަންހެން މެމްބަރުން އިންތިހާބުވިއެވެ.

މިދިޔަ ޖޫން މަހު ބަހްރެއިން ޕާލިމެންޓުން ވަނީ އެގައުމުން އުވާލާފައިވާ ޕާޓީތަކުގެ މެމްބަރުން މަޖިލީހަށް ވާދަ ކުރުން މަނާކުރާ ގާނޫނެއް ފާސްކޮށްފައެވެ. އޭގެ ތެރޭގައި ޝީޢީންގެ އަލް ވަފާގު ޕާޓީ އާއި ވަޢުދު ޕާޓީ ހިމެނެ އެވެ.

އެހެންކަމުން އިދިކޮޅު ޕާޓީތަކުން ވަނީ މިއަހަރުގެ އިންތިހާބަކީ ސައްހަ ނޫން އިންތިހާބެއް ކަމަށް ބުނެ، އިންތިހާބު ބޯއިކޮޓްކޮށްފައެވެ.

ބަހްރެއިންގެ ސަރުކާރުން ބުނާ ގޮތުގައި އެއިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 67 ޕަސެންޓު މީހުން ވަނީ ބައިވެރިވެފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ ވޯޓުލީ މީހުންގެ އަދަދު 30 ޕަސެންޓަށް ވުރެ އިތުރު ނުވާ ކަމަށް ބުނެފައެވެ.