03 Dec 2018, 10:02
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަންނަން ސިފައިން ހުރަސް އެޅި މައްސަލައިގައި ސުވާލު ކުރުމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ހާޒިރުކޮށް އިމްތިޔާޒު ކޮމިޓީއަށް ތައްޔާރު ނުވެވި އޮތުމުން އަނބުރާ ފޮނުވާލައިފިއެވެ.
މެމްބަރުން މަޖިލީހަށް ވަނުމަށް ސިފައިން ހުރަސް އެޅި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ.
އެ މައްސަލާގައި ދިފައިންގެ އިސްވެރިން ކޮމިޓީއަށް ހާޒިރު ކުރަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެގޮތުން ރޭ ހާޒިރުވާން އަންގާފައިވަނީ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.
އާދަމް ޝަރީފު ވިދާޅުވީ އޭނާ ރޭ ކޮމިޓީއަށް ހާޒިރުވި ކަމަށެވެ. ނަމަވެސް މެމްބަރުންނަށް ތައްޔާރު ނުވެވިގެން ބައްދަލުކުރުން ކެންސަލް ކޮށްފައިވާ ކަމަށެވެ.
" އަޅުގަނޑު [މަޖިލީހަށް] ހާޒިރުވުމުން އިދާރާއިން އެންގެވީ މިރޭ އަޅުގަނޑާ ބައްދަލު ނުކުރާ ގޮތަށް އިމްތިޔާޒު ކޮމިޓީން ނިންމަފައިވާ ކަމަށް. އެއީ ކީއްވެތޯ ސުވާލު ކުރުމުން ވިދާޅުވީ އެކަށީގެންވާ ވަރަށް ކޮމިޓީއަށް ތައްޔާރުވެވިފައި ނުވާތީ އާއި ކޮމިޓީއާ އެކަމާ ގުޅޭގޮތުން އެއްކުރަން ޖެހޭ ލިޔުންތައް އެއްކުރެވިފައި ނުވާތީ ކަމުގައި،" ރޭ އާދަމް ޝަރީފު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން އެމައްސަލަ ނިންމައި ދިނުމަށް އާދަމް ޝަރީފު ވަނީ އެދިވަޑައިގެންފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން އެމައްސަލަ ބަލާއިރު މީޑިއާތަކަށް ނުވަދެވޭ ގޮތަށް ވަނީ ސިއްރުކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލް ނުކޮށް މަޖިލިސް ހުއްޓުމަކަށް އައެވެެ. ކުރީގެ ސަރުކާރަށް އޮތް ސުޕަރ މެޖޮރިޓި ގެއްލި، 12 މެމްބަރުންގެ ގޮނޑި ގެއްލުވަލައި، މަޖިލީހުގެ ޖަލްސާތައް ދިޔައީ ނުބޭއްވިއެވެ. އޭރުގެ އިދިކޮޅު މެމްބަރުން މަޖިލީހަށް ވަންނަން އުޅުމުން ފުލުހުންނާއި ސިފައިން ވަނީ އެކަމަށް ހުރަސްއަޅާފައެވެ.
އިމްތިޔާޒު ކޮމިޓީއަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން މިދިޔަ އަހަރު ޖުލައި މަހު 24 ވަނަ ދުވަހު މަޖިލީހަށް ހާޒިރުވުމަށް ދިޔަ އިރު ހިނގާއި ދިޔަ އެ ހާދިސާ އަކީ މުޅި މަޖިލީހުގެ ހައްގަށް ނުވަތަ އިމްތިޔާޒަށް އުނިކަން އަންނަ ކަމެއް ކަމަށެވެ.