03 Dec 2018, 09:07
ޕެރިސް(ޑިސެމްބަރު 3): ފަރަންސޭސިވިލާތުގައި ކުރިޔަށްދާ "ޔެލޯވެސްޓް" ހަރަކާތުން ހިންގަމުންގެންދާ އިޙްތިޖާޖްތަކާއި މުޒާހަރާތަކާ ގުޅިގެން ވެރިރަށް ޕެރިސް ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެފައިވަނިކޮށް މުޒަހަރާތަކުގެ އިސް އެކްޓިވިސްޓުންނާ އަދި ގައުމުގެ ސިޔާސީ އިސް ލީޑަރުންނާ މަޝްވަރާކޮށްގެން މައްސަލަ ހައްލުކުރުމަށް ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯން އެގައުމުގެ ބޮޑުވަޒީރުގެ ކިބައިން އެދިވަޑައިގެންފިއެވެ.
ފަރަންސޭސި ބޮޑުވަޒީރު އެޑޮއާޑް ފިލިއްޕޭގެ ކިބައިން ރައީސް މެކްރޯން އެދިވަޑައިގަތީ ސުލްޙަވެރިކަމާއެކު މައްސަލަ ހައްލުކުރުމަށްޓަކައި ހުރިހާ ފަރާތްތަކާއެކު މަޝްވަރާތައް ބޭއްވުމަށެވެ. މީގެތެރޭގައި "ޔެލޯވެސްޓް" އެކްޓިވިސްޓުންނާއި ސިޔާސީ ޕާޓީތަކުގެ އިސްވެރިން ހިމެނޭ ގޮތަށެވެ.
މެކްރޯން ސުލްޙައިގެ ވާހަކަތަކަށް ގޮވާލައްވާފައި މިވަނީ "ޔެލޯވެސްޓް" ހަރަކާތުން ހިންގާ ހަރުކަށި އަމަލުތަށް އިތުރަށް ބޮޑުވެ ފުޅާވަމުންދާތީ ކުއްލި ހާލަތު އިޢުލާން ކުރުމާމެދު ވިސްނަމުންދާކަމުގެ އިންޒާރު އެގައުމުގެ ދާޚިލީ ވަޒީރު ކްރިސްޓޮފް ކެންސްޓްނާ ދެއްވާފައި ވަނިކޮށެވެ.
ފަރަންސޭސި ސަރުކާރުގެ ރަސްމީ ތަރްޖަމާން ބެންޖަމިން ގްރޭވޫ ވެސްވަނީ ކުއްލި ހާލަތު އިޢުލާން ކޮށްގެންނޫނީ "ޔެލޯވެސްޓް"ގެ އެކްޓިވިސްޓުން ހިންގާ ހަމަނުޖެހުންތައް ނުހުއްޓުވޭނެކަމަށް ލަފާކުރެވޭތީ އެކަމާމެދު ސަރުކާރުން ފުންކޮށް ވިސްނަމުންދާކަމަށް ވިދާޅުވެފައެވެ.
ފަރަންސޭސިވިލާތުގައި ތެލާއި ތެލުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމުން "ޔެލޯވެސްޓް"ގެ ނަމުގައި އެތަށް ހާސް ބަޔަކުވަނީ މީގެ ހަފްތާއެއްހާ ދުވަސްކުރިން އެކަމާދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ފަށައިފައެވެ. މި މުޒާހަރާތަކުގައި އިމާރާތްތަކުގައި ހުޅުޖަހައި ވެހިކަލްތަކަށް ގެއްލުންދީ އާންމުންނަށް ގޯނާކޮށް ގައުމުގައި ބިރުވެރިކަން ފެތުރުމަށް މަސައްކަތްކުރާ ކަމަށާއި މިކަން ހުއްޓުވަންޖެހޭ ކަމަށް ރައީސް އެންމަނުއެލް މެކްރޯން ވަނީ ވިދާޅުވެފައެވެ.
މި މުޒާހަރާތަކުގައި ހަރަކާތްތެރިވާ 200 އަށްވުރެ ގިނަ މީހުން ހޮނިހިރު ދުވަހުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނަސްފައެވެ.
"ޔެލޯވެސްޓް" ހަރަކާތަކީ ފަރަންސޭސިވިލާތުގައި ތެލުގެ އަގު ބޮޑުކުރުމުން އެކަމާދެކޮޅަށް ހަރަކާތްތެރިވަމުންދާ ޖަމާއަތެކެވެ.
ފަރަންސޭސިވިލާތުގައި ތެލުގެ އަގު ބޮޑުވެގެންދިޔައީ ތިމާވެއްޓަށް ރައްކާތެރި ހަކަތަ އުފެއްދުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ތެލާއި ތެލުގެ ބާވަތްތަކުން އިތުރު ޓެކުހެއް ނެގުމަށް ރައީސް މެކްރޯންގެ ސަރުކާރުން ނިންމުމާ ގުޅިގެންނެވެ. މި އިޙްތިޖާޖްތައް ހަފްތާއަކަށްވުރެ ދިގުލައިގެން ގޮސްފައިވާއިރު ރައީސް އެންމަނުއެލް މެކްރޯން ވަނީ ތެލުގެ އަގު ދަށްކުރުމަށް ނޫނީ ތެލަށް ސަބްސިޑީ ދިނުމަށް ދެކޮޅު ހައްދަވަފައެވެ. އަދި "ޔެލޯވެސްޓް" ހަރަކާތަށް ކުޑަވެސް ދުލެއްދެއްވާނެ ކަމުގެ އެއްވެސް އިޝާރާތެއް މެކްރޯން ދެއްވާފައެއް ނުވެއެވެ.
"ޔެލޯވެސްޓް" ހަރަކާތަށް ތާއީދުކުރާ އެތަށް ސަތޭކަ ބަޔަކު ފާއިތުވި ދެދުވަހު ޕެރިހުގައި ކުރިޔަށްގެންދިޔަ މުޒާހަރާތަކުގައި ވަނީ ޕެރިހުގެ ބައެއް އިމާރާތްތަކުގައި ހުޅުޖަހައި ވެހިކަލްތައް ހަލާކުކޮށް އާންމުންނަށް ބިރުދައްކައި ފުލުހުންނަށް ހަމަލާދިނުމުގެ ހަރުކަށި އަމަލުތަކެއް ހިންގާފައެވެ. މި އަމަލުތަށް ކޮންޓްރޯލް ކުރުމުގެ ގޮތުންނާއި "ޔެލޯވެސްޓް" އެކްޓިވިސްޓުންނަށް ހުރަސްއެޅުމުގެ ގޮތުން ފަރަންސޭސި ފުލުހުންވަނީ މުޒާހަރާކުރި މީހުންނާ ދެކޮޅަށް ކަރުނަ ގޭހާއި ޕެޕާ ސްޕްރޭ ބޭނުންކޮށްފައެވެ.
"ޔެލޯވެސްޓް" އެކްޓިވިސްޓުން ބުނީ ފުލުހުން އެމީހުންނާމެދު އަމަލުކުރީ ވަރަށް ހަރުކަށިކޮށް ކަމަށާއި ރައީސް އެންމަނުއެލް މެކްރޯންއަކީ އާންމު ރައްޔިތުންގެ ބޭނުންތައް އިޙްސާސް ކުރައްވާ ބޭފުޅެއް ނޫންކަމުގައެވެ. އަދި މިހަރަކާތް ފަރަންސޭސިވިލާތުގެ ކަންކޮޅުތަކަށް ފަތުރާނެ ކަމުގެ އިންޒާރުވެސް "ޔެލޯވެސްޓް" އެކްޓިވިސްޓުން ވަނީ ދީފައެވެ.
މިއީ ފަތުރުވެރިކަމުގެ ގޮތުން ފަރަންސޭސިވިލާތަށް މުހިއްމު ދުވަސްވަރަކަށްވާއިރު ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިކަމުގެ އާމްދަނީ ދަށަށްގޮސް ފަރަންސޭސި އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ތަހައްމަލް ކުރަންޖެހިދާނެ ކަމުގެ ބިރުވަނީ ހީވެފައެވެ.
މިއީ ފާއިތުވި 10 އަހަރުތެރޭގައިވެސް ފަރަންސޭސިވިލާތުގައި ނުހިނގާ ފަދަ ހަމަނުޖެހުންތަކެކެވެ. (ނޫސްއެޖެންސީތައް)