އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުއްދަން އިންޑިއާއިން އެހީތެރިވާނެކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވެއްޖެއެވެ.

އަކިލޭޝް އަދި އޭނާގެ އަނބިކަނބަލުން ރީޓީ މިޝްރާ މިއަދު ނާއިބު ރައީސް ފައިސަލް ނަސީމްއާ ބައްދަލުކުރައްވައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން 100 ދުވަސް ތެރޭ ކޮށްދެއްވާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ.

އެގޮތުން 100 ދުވަހުގެ ވަޢުދުތައް ކާމިޔާބުކަމާއެކީ ފުރިހަމަކޮށްދިނުމުގައި، އިންޑިޔާއިން އެއްބާރުލުން ދީ ތައުލީމީ، އަދި ފަންނީ ރޮނގުންނާއި އެހެނިހެން އިޖްތިމާޢީ ރޮނގުތަކުން ރާއްޖެއަށް އެއްބާރުލުން ދެއްވާނެކަމަށް އަކިލޭޝް ވިދާޅުވިއެވެ. އަދި ޚާއްސަ ގޮތެއްގައި ރާއްޖޭގެ ޒުވާނުންގެ ހުނަރުވެރިކަން ފާހަގަކުރައްވައި ޒުވާނުން އިތުރަށް ބާރުވެރިކުރުވުމަށް، އިންޑިޔާއާއި ގުޅިގެން ކުރިޔަށް ގެންދެވޭނެ ކަންތައްތަކާއި ބެހޭގޮތުންވެސް އެ ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

ރައީސް ސޯލިހްގެ ސަރުކާރުން ފުރަތަމަ 100 ދުވަސްތެރޭ ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވަނީ ވައުދުވެވަޑައިގެންފައެވެ. އެގޮތުން ތައުލީމީ، ސިއްހީ، ކުޅިވަރު ކޮރަޕްޝަން ނައްތާލުން ފަދަ ގިނަ ކަންތައްތައް 100 ދުވަސްތެރޭ ކޮށްދެއްވާނެކަމަށް ވަނީ ވައުދުވެވަޑައިގެންފައެވެ.