އަންނަ އާދީއްތަ ދުވަހުން ފެށިގެން ގުޑްސް އެންޑް ސާވިސަސް ޓެކްސް ]ޖީއެސްޓީ[ ނަގަން ފަށަނީ އެކަމަށް ތައްޔާރުވުމަށް ވިޔަފާރިވެރިންނަށް އެކަށީގެންވާ ވަގުތު ނުދީ ކަމަށާއި އެކަމުގެ ސަބަބުން ގިނަ ވިޔަފާރިތަކަކަށް ގެއްލުންވާނެ ކަމަށް ބުނެ، ވިޔަފާރިވެރިންގެ ޖަމިއްޔާއިން ޖީއެސްޓީ ނެގުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހައިކޯޓަށް މިއަދު މައްސަލަ ހުށަހަޅައިފި އެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ހަޒާންދާރު އަހްމަދު އަދީބް މިއަދު ވިދާޅުވީ، އެ މައްސަލަ ހައިކޯޓަށް ހުށަހަޅަން ނިންމީ ރޭ ބޭއްވި އެޖަމިއްޔާގެ އާއްމު މެމްބަރުންގެ ބައްދަލުވުމުގައި ކަމަށެވެ.

އަދީބް ވިދާޅުވީ، ޖީއެސްޓީއަށް ތައްޔާރުވުމަށް ވަގުތު ނުދީ، އެހާ އަވަހަށް ގިނަ ބަޔަކު ކުށްވެރިވާ ގޮތަށް ޓެކްސް ނަގަން ފެށުމަކީ ވިޔަފާރިވެރިންނަށް ނުހައްގުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށާއި އެއީ ގާނޫނު އަސާސީއާ ވެސް ހިލާފު ކަމެއް ކަމަށެވެ.

އަދި ޖަމިއްޔާއިން ބޭނުންވަނީ "ރަނގަޅު ގޮތުގައި ޖީއެސްޓީ ނަގަން ފަށަން" ކަމަށާއި އެހެންކަމުން ޓެކްސް ނެގުން ލަސްކުރަން ކޯޓަށް ވެއްދީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖީއެސްޓީ ނަގަން ފަށާނީ ޑިއުޓީ ކަނޑާލުމަށްފަހު ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ ބިލު އަދި އޮތީ މަޖިލީހުގެ ކޮމިޓީ މަރުހަލާގަ އެވެ. އެހެންކަމުން، ދެ ޓެކްސް އެއް ފަހަރާ ދައްކަން ޖެހުމަކީ ތަކެތީގެ އަގު އިތުރަށް ބޮޑުވެ، އާއްމުންނާއި އަދި މުޅި އިގުތިސާދަށް ވެސް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބުނެ އެވެ.

އަދި ޖީއެސްޓީއަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ނުލިބުމާއި އެތައްޔާރީތަކަށް ވެސް އިތުރު ހަރަދުކުރަން ޖެހުމަކީ ވިޔަފާރިވެރިންނަށް އުނދަގޫތަކާ ކުރިމަތިވާނެ ކަމެއް ކަމަށް އެޖަމިއްޔާއިން ބުނެ އެވެ.

ޖީއެސްޓީ ނެގުން ފަސްކުރަން އިދިކޮޅު ޕާޓީތަކުން ވެސް ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.

ޖީއެސްޓީގެ ގާނޫނު ބުނާ ގޮތުން އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ވޭތުވެ ދިޔަ 12 މަހުގެ އާމްދަނީ ނޫނީ ކުރިއަށް އޮތް 12 މަހުގެ ލަފާ ކުރާ އާމްދަނީ އެއް މިލިއަން ރުފިޔާ އަށް އަރާނަމަ އެ ވިޔަފާރިތަކުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތަކުން 3.5 ޕަސެންޓުގެ ޖީއެސްޓީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭނެ އެވެ. އެނުދައްކާ ފަރާތްތައް ޖޫރިމަނާކޮށް، ގާނޫނީ ފިޔަވަޅު އެޅޭނެ އެވެ.