02 Dec 2018, 18:14
ގއ. ވިލިނގިލީ ޕޮލިސް އެކަމޮޑޭޝަން އިމާރާތުގައި ރޯވެ، ފިހުނު ދެ ފުލުހުންގެ ތެރެއިން ބޮޑު އަނިޔާއެއް ލިބުނު ޕޮލިސް ސާޖަންޓު މުހައްމަދު ނާސިހުގެ ހާލު ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲ ބައްލަވާލައްވައިފިއެވެ.
މިނިސްޓަރު އިމްރާން ޕޮލިސް ސާޖަންޓު މުހައްމަދު ނާސިހުއާ ބައްދަލު ކުރެއްވީ މިއަދު ހަވީރު 4:20 އެހައިކަންހާއިރު، އައިޖީއެމްއެޗަށް ޒިޔާރާތް ކުރައްވައެވެ.
އެ ޒިޔާރަތުގައި މިނިސްޓަރު އިމްރާން ވަނީ ނާސިހުގެ އާއިލާއާ ވެސް ބައްދަލު ކުރައްވާފައެވެ. އާއިލާއާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ނާސިހުގެ ބޭސްފަރުވާގެ ހުރިހާ ކަމެއް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހަމަޖައްސާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު ދެއްވިއެވެ.
ހޯމް މިނިސްޓަރުގެ އިތުރުން ޕޮލިސް ކޮމިޝަނަރު ހަމްދޫން ރަޝީދު ވެސް ވަނީ ނާސިހުގެ ހާލު ބައްލަވައިލެއްވުމަށް އައިޖީއެމްއެޗަށް ޒިޔާރަތް ކުރައްވާފައެވެ.
ރޭ ދަންވަރުގެ ވަގުތެއްގައި ވިލިނގިލީ ޕޮލިސް އެކަމޮޑޭޝަން އިމާރާތުގައި ރޯވީ ނާސިހު އާއި އިތުރު ފުލުހަކު ނިދާފައި އޮތް ކޮޓަރީގައެވެ. އެ ހާދިސާގައި މުޅި އިމާރާތް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދައިފައެވެ.
ވިލިނގިލީ ކައުންސިލް މެމްބަރު ހަބީބު ހަސަން ވިދާޅުވީ ބެލެވޭގޮތުގައި އެ އިމާރާތުގައި ރޯވީ ކަރަންޓު ޝޯޓެއް ވެގެން ކަމަށެވެ.