02 Dec 2018, 16:27
ގުދުސް (ޑިސެމްބަރު 2): އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އަނބިކަނބަލުން ސާރާގެ މައްޗަށް ރިޝްވަތާއި ހިޔާނާތުގެ ދައުވާ ކުރެވޭ ވަރަށް ހެކި ލިބިއްޖެ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނި ގޮތުގައި ނަތަންޔާހޫ ވަނީ އޭނާ އާއި އަނބިކަނބަލުންނާ ބެހޭ ގޮތުން ޕޮޒިޓިވްކޮށް ރިޕޯޓު ކުރުމަށް އިސްރާއީލުގެ އެންމެ ބޮޑު ޓެލެކޮމިއުނިކޭޝަން ގުރޫޕު ކަމަށްވާ ބެޒެކްއަށް ރިޝްވަތު ދެއްވައިފަ އެވެ.
ނަމަވެސް ނަތަންޔާހޫ ވަނީ އެތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ. އަދި އެ މައްސަލައިގެ ތަހުގީގު ފެށުމުގެ ކުރިން ވެސް އެކަމާ ގުޅުން ހުރި ހެކި ލީކުކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
"ކަމާ ބެހޭ ފަރާތްތަކުން އެމައްސަލަ ބެލުމަށް ފަހު ނިންމާނީ ކުރިންވެސް ނިންމި ފަދައިން، އެއްވެސް ކަމެއް [ސާބިތު ކުރެވެން] ނެތް ކަމަށް،" ނަތަންޔާހޫ ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ މަހު ވެސް އިސްރާއީލް ފުލުހުން ވަނީ ކޮރަޕްޝަނުގެ ދެ މައްސަލައެއްގައި ނަތަންޔާހޫގެ މައްޗަށް ދައުވާ ކުރުމަށް ލަފާ ދީފަ އެވެ. ނަމަވެސް ނަތަންޔާހޫގެ މައްޗަށް އަދި ދައުވާކޮށްފައި ނުވެ އެވެ.
އެމައްސަލަތަކުގައި ނަތަންޔާހޫގެ މައްޗަށް ދައުވާ ކުރާނެކަން ނުވަތަ ނޫންކަން ނިންމަވާނީ އެގައުމުގެ އެޓާނީ ޖެނެރަލް އެވެ.