02 Dec 2018, 15:03
ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ މިއަދު މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އަލުން މަގާމާ ހަވާލުވެވަޑައިގެންފިއެވެ.
އިމްރާން މަގާމުން އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުން ވަނީ ކަށަވަރު ކޮށްދީފައެވެ.
އެހެން ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު "ސަން"އަށް ވިދާޅުވީ އިމްރާން އިސްތިއުފާ ދެއްވީ މިއަދު ހެނދުނުގެ ވަގުތެއްގައި، އަމިއްލަފުޅަށް ބޭނުންވެގެން ކަމަށާއި ނަމަވެސް މިއަދު އަލުން މަގާމާ ހަވާލުވެވަޑައިގެންފައިވާ ކަމަށެވެ.
ހޯމް މިނިސްޓަރުކަމަށް އިމްރާން އައްޔަނުކުރި އިރު އޭނާގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި އޮތެވެ. ނަމަވެސް އޭރު ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ރިވިއުކުރުމަށް ނިންމާފައިވާތީ، އެ ހުކުމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ކަމާ ބެހޭ ފަރާތްތަކަށް އަމުރު ކުރިއެވެ.
ޖަލު ހުކުމެއް ވުޖޫދުގައި އޮތް ހިނދެއްގައި އިމްރާން ވަޒީރަކަށް އައްޔަނުކުރުމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެކަމަށް ފާޑު ކިޔައިފައެވެ. އޭގެ ތެރޭގައި ބައެއް ގާނޫނީ ވަކީލުންވެސް ހިމެނެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހޫދު ވިދާޅުވީ އިމްރާން އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް އޭރު ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން، އެ މައްސަލައިގައި އެއްވެސް މީހަކު އޭނާގެ މައްޗަށް ޝައްކެއް ކުރުމަށް ބޭނުންފުޅުވެވަޑައި ނުގަންނަވާތީ ކަމަށެވެ.
އެހެން ނަމަވެސް އޭރުވެސް އޭނާ މަގާމާ ހަވާލުވެވަޑައިގަތުމުގައި ގާނޫނީ އެއްޗެސް ހުރަހެއް ނެތްކަމަށް ވިދާޅުވިއެވެ.
އިމްރާން ހޯމް މިނިސްޓަރުކަމުން މިއަދު އިސްތިއުފާ ދެއްވުމަށްފަހު އަލުން މަގާމާ ހަވާލުވެވަޑައިގެންނެވި އިރު، އޭނާ ލީޑަރުކަން ކުރައްވާ އަދާލަތު ޕާޓީއިން މިއަދު ވަނީ އަންނަ މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 13 ދާއިރާއަކަށް ވާދަކުރުމަށް ނިންމައި، އެ ދާއިރާތައް އިއުލާނުކޮށްފައެވެ.
އަދާލަތުން 13 ދާއިރާއެއް އިއުލާނުކުރި އިރު، ވެރިކަންކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީން ރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއަކުން ވަނީ އިންތިހާބުގައި ހުރިހާ ދާއިރާއަކަށްވެސް ކުރިމަތިލާން ނިންމާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވިދާޅުވެފައިވަނީ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާނީ ކޯލިޝަނުގެ ޕާޓީތައް ގުޅިގެން ކަމަށެވެ. އެހެން ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ، އިންތިހާބުގައި ސަރުކާރު ކޯލިޝަނުން އެކުގައި މަސައްކަތް ކުރުމަށް އެއްވެސް އެއްބަސްވުމެއް ނޯންނާނެކަމަށް ވިދާޅުވެފައެވެ.