02 Dec 2018, 15:29
ކޯލިޝަން ބެހިފައިވާ ގޮތް ހިމަނައި ކޯލިޝަން ގުޅިގެން މަސައްކަތް ކުރާނެ ގޮތާ ބެހޭ ގޮތުން އަދާލަތު ޕާޓީން ސޮއިކޮށްފައިވާ ކޯލިޝަން އެގްރިމެންޓް އާންމުކޮށްފިއެވެ.
އެ އެގްރީމެންޓުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި އަދި ކޮންމެ ޕާޓީއަކުން މަންދޫބުން ސޮއި ކުރި ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. އަދާލަތު ޕާޓީން އާންމު ކުރި އެގްރިމެންޓްގައި ރައީސް ޞާލިޙުގެ އިތުރުން ސޮއި ކުރައްވާފައި ވަނީ އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު އެވެ.
އެމްޑީޕީގެ ފަރާތުން ކޯލިޝަން އެގްރިމެންޓުގައި ސޮއިކޮށްފައިވަނީ އެ ޕާޓީގެ ޗެއާ ޕާސަން ހަސަން ލަތީފުއެވެ. އެ އެއްބަސްވުންވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
އެއްބަސްވުމުގައި ވާގޮތުން ސަރުކާރު ހިއްސާވާނީ ހަތަރު ލީޑަރުން ހިމެނޭ ގޮތަށެވެ. އެގޮތުން އެމްޑީޕީއަށް 40 ޕަސެންޓް ޖުމްހޫރީ ޕާޓީއަށް 25 ޕަސެންޓް އަދި ރައީސް މައުމޫނުގެ ރިފޯމް މުމަންޓަށް 20 ޕަސެންޓް އަދާލަތު ޕާޓީއަށް 15 ޕަސެންޓް ދިނުމަށް ވަނީ އެއްބަސްވެފައެވެ.
MDP, JP, Raees MAG adhi AP in beyvvi mashwara thakun nimmunu kankamuge machah binaakoh MDP ge eyruge Riyaasee candidate adhi mihaaru ge RJ@ibusolihAP aaeku soikuravvaafaivaa ehbasvun dhemioyikamashaa mi ehbasvumah RJ furihamayah amalukuravvaane kamuge furihama ithubaaru ebaoyi.pic.twitter.com/7fGN37zbAN
— Adhaalath Party (@AdhaalathOffice)December 2, 2018
އަދި އެ އެއްބަސްވުމުގައި ބުނެފައިވަނީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބާއި 2020ގެ ކައުންސިލް އިންތިހާބުގައިވެސް ވާދަ ކުރާނީ ކޯލިޝަނުން ކަމަށެވެ. އަދި އެ އިންތިހާބު ތަކުގައިވެސް ހިއްސާ ބަހާނީ ހަމަ އެގްރިމެންޓްގައި ހިމަނާފައިވާ ގޮތަށް ހިއްސާ ބަހައިގެން ކަމަށްވެސް އެ އެއްބަސް ވުމުގައި ބުނެފައިވެއެވެ.
ޖުމްހޫރީ ޕާޓީން ސޮއި ކުރި އެއްބަސްވުން މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ. އަދި އެމްއާރުއެމްއިން އެއްބަސްވުމެއްގައި ސޮއި ނުކުރާކަން ވަނީ އެނގިފައެވެ. އެމްއާރުއެމްއިން ބުނަނީ އެއްބަސްވުމުގައި ސޮއި ނުކުރެއްވީ ރައީސް މައުމޫނު ޖަލުގައި އޮންނެވުމުން ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ މަޖިލިސް އިންތިހާބުގައި ޕާޓީތަކުން ވާދަ ކުރާނެ ގޮތާ ބެހޭ އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ.
ހަސަން ލަތީފާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ސޮއިކުރައްވާފައިވާ އެއްބަސްވުމެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ހަސަން ލަތީފު ވިދާޅުވީ އެ ލިޔުމަކީ އެމްޑީޕީން އެހެން ޕާޓީތަކަށް ހުށަހެޅި ލިޔުމެއް ކަމަށާއި އެ ލިޔުމާ އެހެން ޕާޓީތަކުން އެއްބަސްވެ ސޮއިކޮށްފައި ނުވާ ކަމަށެވެ. އެހެންވީމަ އެއީ އެއްބަސްވުމެއް ކަމަށް ގަބޫލުނުކުރާކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ނިންމާފައިވަނީ އެ ޕާޓީން މަޖިލީހުގެ 87 ދާއިރާއަށް ވާދަކުރާށެވެ. އެގޮތަށް ވާދަ ކުރަން ހުށަހެޅުމެއް ހުށަހެޅުއްވީ އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެވެ.
ނަޝީދު ވިދާޅުވާ ގޮތުން 35 ދާއިރާއަށް އެމްޑީޕީން ވާދަ ކުރުމަކީ އެމްޑީޕީއަށް ހައްގު މިންވަރު ނޫން ކަމަށެވެ. އަދި އެ ނޫން ގޮތަކަށް ކޯލިޝަނާ އެކު އެކަން ކުރަން ހުށަހެޅި އެއްވެސް ހުށަހެޅުމަކަށް ޕާޓީތަކަށް އެއްބަސްވެވިފައި ނުވާކަމަށް ނަޝީދު ވިދާޅުވިއެވެ.
އެހެންވީމަ އެމްޑީޕީއަށް އެންމެ މަސްލަހަތު ހުރި ގޮތަކީ މަޖިލިސް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް އެޕާޓީން ވާދަކުރުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.