02 Dec 2018, 13:55
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރު ކޯލިޝަނުން އެކުގައި މަސައްކަތް ކުރުމަށް އެއްވެސް އެއްބަސްވުމެއް ނޯންނާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.
"ސަން" އާ ވާހަކަ ދައްކަވަމުން ހޫދު ވިދާޅުވީ "މަޖިލީސް އިންތިހާބާ ގުޅޭ ގޮތުން ކޯލިޝަންގެ ލީޑަރުން ސޮއިކޮށްފައިވާ އެއްވެސް އެއްބަސްވުމެއް ނޯންނާނެ" ކަމަށެވެ.
ނަމަވެސް ސަރުކާރު އެކުލަވާލާފައި ވަނީ ކޯލިޝަން އެއްބަސްވުމެއްގެ ތެރެއިން ކަމަށާއި ސަރުކާރުގެ މަގާމުތައް ވެސް ބަހާލާފައި ވަނީ އެ ކޯލިޝަން އެއްބަސްވުމުގެ ތެރެއިން ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސަރުކާރު އެކުލަވާލާފައި ވަނީ "ކަނޑައެޅިފައިވާ އުސޫލުތަކެއްގެ ތެރެއިން" ކަމަށާއި ނަމަވެސް ސަރުކާރު އެކުލަވާ ލުމަށް ވެސް ލިޔެވިފައިވާ ވަކި އެގްރީމަންޓެއް އޮތްކަން ނުވަތަ ނޫން ކަަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ އެކަން ޖެހިވަޑައިގަންނަ ވާނީ ބައްލަވާލެއްވުމަށް ކަމަށެވެ.
މަޖިލިސް އިންތިހާބުގައި ވެސް ސަރުކާރު ކޯލިޝަނުން ވާދަކުރާނީ އެކުގައި ކަމަށް ބުނާ ލިޔުމެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ކޮންމެ ޕާޓީ އަކަށް ވަކި ވަރަކަށް ގޮނޑި ދިނުމަށް އެ އެއްބަސްވުމުގައި ވާކަމަށް ވާހަކަ ދެކެވިފައިވެ އެވެ. ނަމަވެސް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އިން ބުނަނީ އެފަދަ އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ.
އެއްޑީޕީ އިން ރޭ ވަނީ މަޖިލީހުގެ 87 ދާއިރާ އަށް ވެސް ވާދަކުރަން ނިންމައިފަ އެވެ. މިނިންމުމުމާ އެކު ކޯލިޝަނުގެ ބައިވެރިން ވަނީ ރައީސް ސޯލިހާ ބައްދަލުކުރައްވަން ނިންމަވައިފަ އެވެ.