02 Dec 2018, 14:09
ބުއެނޮސް އައިރިސް (ޑިސެމްބަރު 2): އެމެރިކާ އާއި ޗައިނާއާ ދެމެދުގައި ފަށާފައިވާ 'ވިޔަފާރީގެ ހަނގުރާމަ' ވަގުތީ ގޮތުން ހުއްޓުމަކަށް ގެނައުމަށް ދެގައުމުގެ ރައީސުން އެއްބަސްވެވަޑައިގެންފި އެވެ.
ވައިޓް ހައުސްއިން އިއްޔެ ބުނި ގޮތުގައި، ރައީސް ޑޮނަލްޑް ޓްރަމްޕާއި ރައީސް ޝީ ޖިންޕިންގް ވަނީ ޖީ20 ސަމިޓުގެ ތެރެއިން ބައްދަލުކުރައްވައިފަ އެވެ. އަދި ދެބޭފުޅުން ވަނީ ދެގައުމަށް އެތެރެ ކުރާ މުދަލުން ޑިއުޓީ ބޮޑު ކުރުން ހުއްޓާލުމަށް ނިންމަވައިފަ އެވެ. ނަމަވެސް އެއީ ކުރިއަށް އޮތް 90 ދުވަހުގެ ތެރޭ ދެގައުމުން މަޝްވަރާކޮށް، އެއްބަސްވުމަކަށް އައުމަށް ފުރުސަތު ދިނުމަށްޓަކަ އެވެ.
އަދި އެމުއްދަތު ތެރޭގައި އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، ޗައިނާގެ މުދަލުން ނަގާ ޑިއުޓީ 10 ޕަސެންޓުން 25 ޕަސެންޓަށް އިތުރު ކުރާނެ ކަމަށް ވައިޓް ހައުސްއިން ބުންޏެވެ.
އެއެއްބަސްވުމުގެ ދަށުން ޗައިނާ އިން ވަނީ އެމެރިކާގެ ގިނަ އަދަދެއްގެ އުފެއްދުންތަކެއް ގަތުމަށް އެއްބަސްވެފައި ކަމަށް ވެސް ވައިޓް ހައުސްގެ ބަޔާނުގައިވެ އެވެ.
ޗައިނާގެ ދައުލަތުގެ ޓީވީން ވަނީ އަންނަ މަހުގެ އެކަކުން ފެށިގެން، އެމެރިކާއިން އެތެރެ ކުރާ މުދަލުން ނަގާ ޑިއުޓީ އިތުރު ނުކުރާނެ ކަމަށާއި ދެ ގައުމުން މަޝްވަރާތައް ކުރިއަށްގެންދާނެ ކަމަށް ރިޕޯޓުކޮށްފަ އެވެ.
މިދިޔަ ޖުލައި މަހުން ފެށިގެން އެމެރިކާއިން ވަނީ ޗައިނާގެ 250 ބިލިއަން ޑޮލަރުގެ މުދަލުން ޑިއުޓީ ނަގަން ފަށާފަ އެވެ. އަދި ޗައިނާއިން ވަނީ އެމެރިކާގެ 110 ބިލިއަން ޑޮލަރުގެ މުދަލުން ޑިއުޓީ ނަގަން ފަށައިފަ އެވެ.