29 Sep 2011, 15:14
މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީ ނަގަން ކުޑަތަންވެފައި ވަނިކޮށް ޖީއެސްޓީ ނެގުން އެއް އަހަރު ދުވަހަށް ފަސްކޮށްދިނުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި އެވެ.
ޖީއެސްޓީނަގަން ތިން ދުވަހަށް ވެފައިވަނިކޮށް ޖީއެސްޓީ ނެގުން ފަސްކުރުމަށް ސަރުކާރަށް ގޮވާލަމުން އެ ޕާޓީން މިއަދު އާންމު ކުރި ކުރު ބަޔާނެއްގައި ބުނަނީ ޖީއެސްޓީ ނަގަން ފެށުމުގެ ކުރިން ގާނޫނަށް ބައެއް އިސްލާހުތައް ގެންނަން ޖެހޭ ކަމަށާއި އެހެންނޫ ނަމަ ވިޔަފާރިވެރިންނަށް އެކަމުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ.
"ޖީއެސްޓީއާ ބެހޭ ގޮތުން ރައްޔިތުންނާއި ވިޔަފާރިވެރިން ހޭލުންތެރިވެފައި ނުވާ އިރު މިކަމުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ގިނަގުނަ ދަތިތަކާއި ކުރިމަތިލާންޖެހޭނެ،" ދީނީ އިލްމުވެރިން ނިސްބަތްވާ އަދާލަތުގެ ބަޔާނުގައިވެ އެވެ.
ވެރިކަން ކުރާ އެމްޑީޕީ ކޯލިޝަނުން ދާދިފަހުން ވަކިވި އަދާލަތުން އެ ބަޔާނުގައި ޖީއެސްޓީ ނެގުން އެއް އަހަރު ދުވަހަށް ފަސްކުރުމުގެ އިތުރުން ދެ ކަމެއް ވަނީ ހުށަހަޅައިފަ އެވެ. އެއީ ވަކި މިންވަރަކަށް ވުރެ ދަށް އާމްދަނީއެއް ލިބޭ ފަރާތްތަކަށް ޖީއެސްޓީ ރިފަންޑު ކުރެވޭނެ "މީންސް ޓެކްސްކުރެވޭނެ" ނިޒާމެއް ގާއިމް ކުރުމާއި އަހަރެއްގެ މައްޗަށް ހަތަރު މިލިއަން ރުފިޔާ އަށް ވުރެ މަދުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޖީއެސްޓީ ދައްކަން ނުޖެހޭ ގޮތަށް ޖީއެސްޓީ ގާނޫނަށް އިސްލާހު ގެނައުމެވެ.
ޖީއެސްޓީގެ ގާނޫނު ބުނާ ގޮތުން އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ވޭތުވެ ދިޔަ 12 މަހުގެ އާމްދަނީ ނޫނީ ކުރިއަށް އޮތް 12 މަހުގެ ލަފާ ކުރާ އާމްދަނީ އެއް މިލިއަން ރުފިޔާ އަށް އަރާނަމަ އެ ވިޔަފާރިތަކުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތަކުން 3.5 ޕަސެންޓުގެ ޖީއެސްޓީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭނެ އެވެ.
އަދާލަތުން ޖީއެސްޓީ ނެގުން ފަސްކޮށް ދީ ބައެއް ލުއިތައް ޖީއެސްޓީ ގާނޫނަށް ގެންނަން ސަރުކާރަށް ގޮވައިލި އިރު އިދިކޮޅު ލީޑަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ތަސްމީން އަލީ ވެސް ވަނީ ޖީއެސްޓީ ގާނޫނަށް އަމަލުކުރުން ހަ މަސް ދުވަހަށް ފަސް ކުރަން ސަރުކާރަށް ހުށަހަޅުއްވައިފަ އެވެ.