02 Dec 2018, 13:16
ވަގުތު އޮއްވާ ސަރުކާރު ހިންގާ ކޯލިޝަން އިން ވަކިވެ، އިދިކޮޅާ ގުޅިވަޑައިގަތުމަށް، ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށް، އިދިކޮޅު ޕީޕިއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ދައުވަތު ދެއްވައިފި އެވެ.
ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އިން އަންނަ މާޗް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ހުރިހާ ދާއިރާތަކަށް ކުރިމަތި ލުމަށް އެޕާޓީގެ ގައުމީ މަޖިލީހުން ނިންމެވުމާގުޅިގެން، ނިހާން "ސަން" އަށް ވިދާޅުވީ، ގާސިމްއަކީ ސިޔާސީ މައިދާނުގައި ބުރަދަން ހުރި މީހެއް ކަމަށާއި ހެދުނު އެއްޗެއް ހަދަން ދުކޮށްނުލާ ގާސިމްއަށް އެންމެ ބުއްދިވެރި ގޮތަކީ ސަރުކާރު ކޯލިޝަން އިން ވަކިވެވަޑައިގަތުން ކަމަށެވެ.
"މޫމިނެއްގެ ގަޔަށް އެއް ހަރަކުން ދެފަހަރު ކަށްޓެއް ނުޖަހާނެ އޭ ބުނާ ފަދައިން ގާސިމް ގަޔަށް މިހާރު ތިން ވަނަ ފަހަރު އެޖަހަނީ. ގާސިމް އަމިއްލައަށް އެދިގެން ކުރިމަތީގައި ހުންނަންވީތޯ، ތިމަންނާއަކީ ހެދުނު އެއްޗެއް ހަދެން ހުރި މީހެއްކަމަށް. އެކަން ވިސްނާ ވަޑައިގެން އަވަހަށް ވަގުތު އޮއްވާ ކޯލިޝަން އިން ގާސިމް ވަކިވެވަޑައިގަތުން އެންމެ ބުއްދިވެރީ." ގާސިމް އިބްރާހިމްއާ އެކު ކުރިން ވެސް 2013 ވަނަ އަހަރުގެ ރިޔަސީ އިންތިހާބުގައި ކޯލިޝަން ހެއްދެވި، ޕީޕީއެމްގެ ޕީޖީ ލީޑަރު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީއާއި ޕީޕީއެމް ކޯލިޝަން ދެމި އޮތް އިރު ޖޮއިންޓް ޕާލެމެންޓްރީ ގްރޫޕުން މުލިއާގޭގައި ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން، ނިހާން(ކ) އަދި ގާސިމް(މ) -- ސަން ފޮޓޯ/ ޝަރުވާން
އަދި ސަރުކާރު ހިންގާ ކޯލިޝަން އިން ގާސިމް ވަކިވެވަޑައިގެން އިދިކޮޅު ޕާޓީ އެއްގެ ގޮތުގައި މައްސަކަތް ކުރައްވަން ފައްޓަވައިފި ނަމަ އެކަމަށް މަރުހަބާ ކިޔާނެ އެންމެ ފުރަތަމަ ބަޔަކަށް ޕީޕީއެމް ވާނެ ކަަމަށް ނިހާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަތުގައި މިހާރު އޮތް މެމްބަރުންނާއި ގާސިމްގެ މެމްބަރުންނާ އެއްވީމާ މުހައްމަދު ނަޝީދު [އެމްޑީޕީގެ ރައީސް ނަޝީދު] މަޖިލިސް ތެރެއިން ބޭނުން އެއްޗެއް ނުހެއްދެވޭނެ ވަރަށް މެމްބަރުން އޭރު ތިއްބަވާނެ މިހާރު،" ގާސިމް، އިދިކޮޅު ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް ދައުވަތު ދެމުން ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ ސަރުކާރު ކޯލިޝަން ރޫޅޭނެ ކަމަށާއި އެއީ މާކުރިގައި ވެސް އެނގިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި ނަޝީދު ހުންނަވައިގެން އެމްޑީޕީއިން ހިންގާ އެއްވެސް ހަރަކާތެއްގައި ގޮތެއް ދުލެއް ނުކުރައްވާނެ ކަން އެނގިވަޑާއިގަންނަވާ ކަމަށް ނިހާން ވިދާޅުވި އެވެ.
ދެހާސް ތޭރަ ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ގާސިމް ލީޑަރުކަން ކުރައްވާ ޖުމްހޫރީ ޕާޓީ އިން ވަނީ ޕީޕއެމްއާ އެކު ކޯލީޝަން ހަދާ އިންތިހާބު ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް މާގިނަ ދުވަހެއް ނުވެ މައްސަލަތައް ޖެހި އެ ކޯލިޝަން ވެސް ރޫޅުނެވެ.