02 Dec 2018, 12:25
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޯލިޝަނުން ވާދަކުރާނެ ފޯމިއުލާއެއް ނުނެރެވި އެމައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރަން ބައެއް ޕާޓީތަކުން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުރިހާ ދާއިރާ އަކަށް ވާދަކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ވަނީ ނިންމައިފަ އެވެ. އެ ނިންމުމާ އެކު ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކޮށް މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށް ޖޭޕީ އަދި އެމްއާރުއެމްގެ ބައެއް ބޭފުޅުން ވިދާޅުވި އެވެ.
"ކޯލިޝަނުގެ އެބައޮތް އެގްރިމެންޓެއް. އެ އެގްރިމެންޓާ އެއްގޮތަށް އަޅުގަނޑުމެން ކުރިއަށް ދަނީ. އެހެންވީމާ މަޖިލިސް ގޮނޑިތަކާ މެދު ގޮތް ނިންމާނީ ރައީސް ސޯލިހާ މަޝްވަރާ ކުރުމަށް ފަހު." ކޯލިޝަނުގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވަނީ މަޖިލިސް އިންތިހާބުގައި ޕާޓީތަކުން ވާދަ ކުރާނެ ގޮތާ ބެހޭ އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ.
ހަސަން ލަތީފާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކޮށްފައިވާ އެއްބަސްވުމެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ހަސަން ލަތީފު ވިދާޅުވީ އެ ލިޔުމަކީ އެމްޑީޕީން އެހެން ޕާޓީތަކަށް ހުށަހެޅި ލިޔުމެއް ކަމަށާއި އެ ލިޔުމާ އެހެން ޕާޓީތަކުން އެއްބަސްވެ ސޮއިކޮށްފައި ނުވާ ކަމަށެވެ. އެހެންވީމާ އެއީ އެއްބަސްވުމެއް ކަމަށް ގަބޫލުނުކުރާކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ނިންމާފައި ވަނީ އެ ޕާޓީން މަޖިލީހުގެ 87 ދާއިރާއަށް ވާދަކުރާށެވެ. އެގޮތަށް ވާދަ ކުރަން ހުށަހެޅުމެއް ހުށަހެޅުއްވީ އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެވެ.
ނަޝީދު ވިދާޅުވާ ގޮތުން 35 ދާއިރާއަށް އެމްޑީޕީން ވާދަ ކުރުމަކީ އެމްޑީޕީއަށް ހައްގު މިންވަރު ނޫން ކަމަށެވެ. އަދި އެ ނޫން ގޮތަކަށް ކޯލިޝަނާ އެކު އެކަން ކުރަން ހުށަހެޅި އެއްވެސް ހުށަހެޅުމަކަށް ޕާޓީތަކަށް އެއްބަސްވެވިފައި ނުވާކަމަށް ނަޝީދު ވިދާޅުވި އެވެ.
އެހެންވީމަ އެމްޑީޕީއަށް އެންމެ މަސްލަހަތު ހުރި ގޮތަކީ މަޖިލިސް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް އެޕާޓީން ވާދަކުރުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.