ދައުލަތުގެ ވަޒީރުންނަށް މާލީ ބަޔާން ހުށަހަޅަން ފަށައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައި ވަނީ ވަޒީރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި މިނިވަން މުއައްސަސާތަކަށް އައްޔަންކުރައްވާ ބޭފުޅުން މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މާލީ ބަޔާން ހުށަހެޅުމުގެ ޕްރޮސެސް ކުރިއަށް ދާ ކަމަށެވެ. މިހާތަނަށް މާލީ ބަޔާން ހުށަހަޅާފައިވަނީ ކިތައް ބޭފުޅުންކަން ސާފު ނުވާކަމަށް ހޫދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަލަށް ފެށި ކަމެއް މިއީ. ވަރަށް ޔަގީންކަން އެބައޮތް މި ކަން ބޭނުންވާ ގޮތަށް ކުރިއަށް ދާނެ ކަމުގެ،" ހޫދު ވިދާޅުވިއެވެ.

ވަޒީރުން މާލީ ބަޔާން ހުށަހަޅަން ޖެހެނީ ރައީސް އޮފީސް ހިމެނޭ ގޮތަށް ކަމާ ގުޅުން ހުރި މުއައްސަސާތަކަށެވެ. ސަރުކާރުގައި ޖުމްލަ ހިމެނެނީ ބަންޑާރަ ނައިބު ހިމެނޭ ގޮތަށް 20 ވަޒީރުންނެވެ.

ވަޒީރުން މާލީ ބަޔާން ހުށަހެޅުމަކީ ގާނޫނު ލާޒިމުކުރާ ކަމެއް ނޫނެވެ. ނަމަވެސް ރައީސް ސޯލިހު ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ވަޒީރުންނާއި ސަރުކާރުގެ ވެރިން މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް އެމަނިކުފާނު ނިންމެވިއެވެ.