02 Dec 2018, 10:49
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީން ވާދަކުރަން ބޭނުންވާކަމަށް ޕާޓީތަކާ ހިއްސާކުރި 13 ދާއިރާ އިއުލާނުކޮށްފިއެވެ.
އަދާލަތު ޕާޓީން ބުނީ އެ ޕާޓީން ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކާއެކު އެއްބަސްވެފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް ކޯލިޝަނުން ވާދަކުރުމަށް ނިންމާފައިވާ ކަމަށެވެ. އެއްބަސްވުން ވެފައިވަނީ 12 ޖުލައި 2018 ވަނަ ދުވަހު ބޭއްވުނު "އަށާރަ ނަވާރަ ކޮމިޓީ"ގައި ކަމަށްވެސް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ.
އަދާލަތުން ވާދަކުރަން ބޭނުންވާ 13 ދާއިރާ
- ކެލާ ދާއިރާ
- ވައިކަރަދޫ ދާއިރާ
- ކުޅުދުއްފުށި އުތުރު ދާއިރާ
- މަކުނުދޫ ދާއިރާ
- އިނގުރައިދޫ ދާއިރާ
- ކާށިދޫ ދާއިރާ
- މަހިބަދޫ ދާއިރާ
- މުލަކު ދާއިރާ
- ނިލަންދޫ ދާއިރާ
- ގަމު ދާއިރާ
- ފުވައްމުލަކު ދެކުނު ދާއިރާ
- ފޭދޫ ދާއިރާ
- މާފަންނު ދެކުނު ދާއިރާ
އެއްބަސްވުމެއް އޮތް ކަމަށް އަދާލަތުން ބުނެ އިއުލާނު ކުރި ނަމަވެސް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވަނީ މަޖިލިސް އިންތިހާބުގައި ޕާޓީތަކުން ވާދަ ކުރާނެ ގޮތާ ބެހޭ އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ.
ހަސަން ލަތީފާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކޮށްފައިވާ އެއްބަސްވުމެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ހަސަން ލަތީފު ވިދާޅުވީ އެ ލިޔުމަކީ އެމްޑީޕީން އެހެން ޕާޓީތަކަށް ހުށަހެޅި ލިޔުމެއް ކަމަށާއި އެ ލިޔުމާ އެހެން ޕާޓީތަކުން އެއްބަސްވެ ސޮއިކޮށްފައި ނުވާ ކަމަށެވެ. އެހެންވީމަ އެއީ އެއްބަސްވުމެއް ކަމަށް ގަބޫލުނުކުރާކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ނިންމާފައިވަނީ އެ ޕާޓީން މަޖިލީހުގެ 87 ދާއިރާއަށް ވާދަކުރާށެވެ. އެގޮތަށް ވާދަ ކުރަން ހުށަހެޅުމެއް ހުށަހެޅުއްވީ އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެވެ.
ނަޝީދު ވިދާޅުވާ ގޮތުން 35 ދާއިރާއަށް އެމްޑީޕީން ވާދަ ކުރުމަކީ އެމްޑީޕީއަށް ހައްގު މިންވަރު ނޫން ކަމަށެވެ. އަދި އެ ނޫން ގޮތަކަށް ކޯލިޝަނާ އެކު އެކަން ކުރަން ހުށަހެޅި އެއްވެސް ހުށަހެޅުމަކަށް ޕާޓީތަކަށް އެއްބަސްވެވިފައި ނުވާކަމަށް ނަޝީދު ވިދާޅުވިއެވެ.
އެހެންވީމަ އެމްޑީޕީއަށް އެންމެ މަސްލަހަތު ހުރި ގޮތަކީ މަޖިލިސް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް އެޕާޓީން ވާދަކުރުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.